ޚަބަރުސިޔާސީ

ފިތުނަވެރި ވާހަކަތަކަށް ސަމާލުވެ، ރައީސް ޔާމީންގެ ކެމްޕެއިން ބާރަށް ކުރިއަށް ގެންގޮސްދީ: އިދިކޮޅު

މި ދަނޑިވަޅުގައި ފެތުރެމުންދާ ފިތުނަވެރި ހުރިހާ ވާހަކަތަކަކާއި މެދު ޕާޓީގެ ހުރިހާ މެމްބަރުން ސަމާލުވެ، ރައީސް ޔާމީނުގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް އަދި ރައީސް ޔާމީނުގެ އިންތިޚާބީ މަންދޫބު މުޙައްމަދު ތޮލާލް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނަށް ގޮވާ ލައްވައިފިއެވެ.

ތޮލާލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ އެންމެހާ ބޭފުޅުންވެސް ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށްޓަކައި އެންމެން ތިބީ އެކަތި ގަނޑެއްގެ ގޮތުގައިކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅުގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާއިރު، އީސީން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމައި ޕީޕީއެމަށް ލިޔުން ފޮނުވާފައެވެ. އެހެން ނަމަވެސް އިލެކްޝަން ކޮމިޝަނުގެ މި ނިންމުން ޤަބޫލު ނުކުރާކަމަށް ބުނެ އެ ޕާޓީންވަނީ އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފައެވެ.

ތޮލާލް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ރެޖިސްޓަރ ކުރެވިފައިވާކަމަށާއި އެ ކޯޓަށް ދައްކަންޖެހޭ ފައިސާވެސް މިހާރު ދައްކައި ނިމިފައިވާކަމަށެވެ. އަދި އެ ކޯލިޝަން ބައިބައިކުރުމަށްޓަކައި ބަޔަކު ދައްކަމުންދާ ވާހަކައަކުން ކޯލިޝަންގެ އަޒުމަކަށް އަދި ހިއްވަރަކަށްވެސް ގުޑުމެއް ނާންނާނެކަމުގައި ތޮލާލް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އިންތިޚާބުތަކާއިބެހޭ ޤާނޫނުގައިވާގޮތުން، އިންތިޚާބަކަށް ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ޤަބޫލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button