ލިވާތު ކުރިކަމުގެ ތުހުމަތުގައި ފުލުހަކު ސަސްޕެންޑު ކޮށްފި
![](https://bonthinews.com/wp-content/uploads/2022/07/big_Ly8lcMdXnNBpUyxvXNVt07lLW_ded.jpg)
ލިވާތު ކުރިކަމުގެ ތުހުމަތުގައި ފުލުހަކު ސަސްޕެންޑު ކޮށްފިއެވެ.
އަލަމް ގިރި ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކު އުޅޭ ކޮޓަރިއެއް ތެރެއަށް ފުލުހަކު ވަދެ ލިވާތު ކުރާ ވީޑިއޯއެއް ދައުރުވަމުންދާ މައްސަލައިގައި ދާދި ދެންމެއަކު ފުލުހުން ބުނީ އެމައްސަލައިގައި ޖިނާއީ ތަހުގީގެއްގެ އިތުރުން އެ ފުލުސް މީހާގެ އަހުލާގީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމުގައެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ބުނިގޮތުގައި އެ ފުލުސް މީހާ މިހާރު ހުރީ މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ.
އެނގިފައިވާގޮތުގައި އަލަމް ގިރިއާއެއްކޮށް ލިވާތު ކުރީ ފުލުހުންގެ ޑްރަފް އެންފޯސްމެންޓް ޑިޕާންޓްމެންޓުގައި މަސައްކަތް ކުރާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ސީންތަކުން ހޯދާ މަސްތުވާތަކެތި ގެންގުޅޭ މީހެއް ކަމަށް ފުލުހުންގެ ތެރެއިން އޭނާ ދަންނަ ބައެއް މީހުން ބުނެ އުޅެއެވެ. ލީކުވެފައިވާ ވީޑިއޯގައި މަސްތުވާއެއްޗެއް އަލަމް ގިރިއަށް ދިނުމަށްވެސް އޭނާ މަސައްކަތް ކުރެއެވެ.
އަލަމްގިރި އާއެއްކޮށް ލިވާތު ކުރި މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުވެސް ހިމެނެއެވެ. އޭނާގެ އިތުރުން ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ކަމަށް ބެލެވޭ މީހަކުވެސް ކޮޓަރިއަށް ވަދެ އެފަދަ އަމަލެއް ހިންގާފައިވެއެވެ. ކާނަލް އެކަން ދޮގު ކުރާއިރު، އޭނާގެ ވީޑިއޯ ސާފެެއް ނޫނެވެ. އެކަމަކު ނާޒިމް ސައްތާރުކަން ލީކުވި ވީޑިއޯއިން ޔަގީންވެއެވެ.
އަލަމްގިރި އާއި ކާނަލްގެ އިތުރުން ނާޒިމްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.