ރިޕޯޓް

އަމީނީ މަގު ހެދުމުގައި ކޮރަޕްޝަން ހިންގާލި ގޮތް

މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން 1.7 ކިލޯ މީޓަރު ހުންނަ އަމީނީ މަގު ހެދުމަށް  މާލެ ސިޓީ ކައުންސިލުން ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލު ކުރީ އެއްބަސްވުމެއް ހެދުމަށް ފަހުގައެވެ. އެއީ އަމީނީ މަގު ހިމެނޭގޮތަށް މާލޭގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއެކެވެ. 

ކުރީގެ އެއްބަސްވުމާއި އެ އެއްބަސްވުމަށް ބަދަލު ގެނައި ގޮތް

އެ އެއްބަސްވުން ހެދުނީ ކުރީގެ ކައުންސިލްގެ ދައުރުގައެވެ. އެ ކޮންޓްރެކްޓުގައި ވާގޮތުން މަގުތައް ހެދުމަށް ނިންމާފައި އޮތީ ގާ އަތުރައިގެންނެވެ. އެއީ 13 ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެކަމަކު މާލެ ސިޓީ ކައުންސިލްގެ މިހާރުގެ ދައުރުގައި ނިންމީ މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށެވެ. އެގޮތުގެ މަތިން ސިޓީ ކައުންސިލުން ޕެލޭނިން މިނިސްޓްރީއަށް އެދުނީ ތާރު އެޅުމުގެ ހުއްދައަކަށެވެ. އެކަމަކު ޕްލޭނިން މިނިސްޓްރީއިން ސިޓީ ކައުންސިލަށް އެންގީ ޕްރޮޖެކްޓްގެ ސްކޯޕުގެ ތެރެއިން އެކަން ކުރިޔަސް މައްސަލައެއް ނެތް ކަމުގައެވެ. އެގޮތުގެ މަތިން 16 މަގެއްގައި ތާރު އެޅުމަށް ސިޓީ ކައުންސިލުން ނިންމީއެވެ. އެއަށްފަހު އާރުޑީސީ އަށް އެދުނީ އެއްބަސްވުމާ އެއްގޮތަށް އަލުން ބީއޯކިއު ރިވައިޒް ކުރުމަށްފަހު އަގު ހުށަހެޅުމަށެވެ. އަދި އާރުޑީސީއިން ހުށަހެޅި އަގުތަކާ އެއްގޮތަށް ސިޓީ ކައުންސިލާއި އާރުޑީސީއާއި ދެމެދު ކުރިން އޮތް އެގްރިމެންޓްގެ އެމެންޑްމެންޑުމެންޓުގައި 11 އޮކްޓޯބަރު 2021 ގައި ސޮއި ކުރީއެވެ.

އެކަން ހިނގީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ގެ ދައުރުގައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ބޭއްވުމުގެ ކުރިން އާރުޑީސީގެ ފަރާތުން އެ ކުންފުނީގެ ޖެނެރަލް މޭނޭޖަރު ޝުހާދު ނަމަކަށް ކިޔާ ބޭފުޅަކު އޮތީ ސިޓީ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސަބަބަކީ މޫކޭ އޭރު ހުންނެވީ އެމްޑީޕީގެ ދާއިރާތަކުގެ ރައީސުން ހޮވަން ބޭއްވި އިންތިހާބުގައި މަޑުއްވަރީގައި ކަމަށް ވާތީއެވެ. އަދި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތަށް އޭނާ ވަޑައިގެންވީ ސޮއި ކުރެވިފައި އޮތް އެއްބަސްވުން ބަލައިގަނެ، ރަސްމީކޮށް އެއްބަސްވުމާ ހަވާލުވުމަށެވެ. އެނގިފައިވާގޮތުގައި ސިޓީ ކައުންސިލުން ނުރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ބޭއްވުމަށް ފަހު ރަސްމީ ހަފްލާގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އިއުލާން ކުރީ މޫކޭގެ އެދިވަޑައިގަތުމަކަށެވެ. އެހެން ކަމުން ސިޓީ ކައުންސިލާއި އާރުޑީސީ އާއި ދެމެދު ސިޓީ ކައުންސިލްގެ މިދައުރުގައި އެއްބަސްވުމެއް ނެތް ކަމަށް މޫކޭ ވިދާޅުވާ ވާހަކައާއި މެދު ސުވާލު އުފެދެއެވެ. އޭނާގެ އަތުން އެއްބަސްވުމުގައި ސޮއި ނުކުރެއްވިއެއް ކަމަކު އެ ކުންފުނިން އޮތީ އެއްބަސްވުމާ ހަވާލުވެ، އެ މަސައްކަތް ކުރުމަށް އެއްބަސްވެސް ވެފައެވެ. 

މަސައްކަތް ހުއްޓެން މެދުވެރިވި ސަބަބު

މަގު ހެދުމުގެ މުޅި މަޝްރޫއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭތީވެ އެވަރުގެ ފައިނޭންސެއް ކުރެވޭނީ ގާނޫނު ބުނާގޮތުން 15 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއެއް ނަމަ ދައުލަތުގެ އިދާރާއެއްގައި ބަޖެޓު ބަހައްޓައިގެންނެވެ. އެގޮތުން އެ ބަޖެޓު ބަހައްޓާފައި ހުރީ ޕްލޭނިން މިނިސްޓްރީގައެވެ.  

ދެފަރާތުން އެއްބަސްވެފައިވާގޮތަށް މަސައްކަތް ފެށުނު ފަހުން ދެން ޖެހުނީ ބަޖެޓުގެ މައްސަލައެވެ. އެއީ މިނިސްޓްރީއިން ބަޖެޓު ނުދީ ހިފެހެއްޓުމުގެ ސަބަބުންނެވެ. އަދި ސިޓީ ކައުންސިލުން އެކި ފަހަރުގެ މަތިން ޕްލޭނިން މިނިސްޓްރީ އާއި މަޝްވަރާކޮށް، 7 މަސް ދުވަސް ފާއިތުވެގެންދިޔަ އިރުވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބުނެވެ. އާހިރުގައި އާރުޑިސީއިން މަސައްކަތް ހުއްޓާލަން ޖެހުނީއެވެ. 

މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތުން

މިމަހުގެ 4 ވަނަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު ޑރ،މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރުމަށް ކެބިނެޓުން ނިންމި ކަމަށް ބުނެ އެ މިނިސްޓްރީގެ ސިޓީއެއް މެދުވެރިކޮށް ކައުންސިލަށް އަންގާފައިވާ ކަމުގައެވެ. ސްޓޭޓް މިނިސްޓަރަކު ސޮއި ކުރައްވައި ޕްލޭނިން މިނިސްޓްރީއިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލް އިހުމާލު ވުމެވެ.

މިކަން ތަފްސީލު ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ގާނޫނީ ނިޒާމް އޮންނަ ގޮތުން ޕީއެސްއައިޕީ މަޝްރޫއެއް ކޯޑު ކުރެވޭގޮތް ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުންނަށާއި ކެބިނެޓް ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މާލޭގެ މަގު ހެދުން ސިޓީ ކައުންސިލާއި ލިޔެކިޔުމުން ހަވާލު ކުރީ މާލިއްޔަތު ގާނޫނާއި ލާމަރުލަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައި އޮންނަ ބާރާއި، މަސްއޫލިއްޔަތާއި، އިހުތިސާސްތަކުގެ ތެރެއިންނެވެ. މުއިއްޒު ފާހަގަކުރެއްވިގޮތުގައި އެ މަޝްރޫއު ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކި ކުރިކަން ރައީސް އޮފީހުންވެސް އަންގާފައެއް ނުވެއެވެ.

މޭޔަރު ވިދާޅުވީ އޮންނަ އުސޫލުން ޕީއެސްއައިޕީ މަޝްރޫއު އަތުލަން ވީ ކަމަށާއި އެކަމަކު ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.

ޕްލޭނިން މިނިސްޓްރީއަށް 45 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތެއް

މޭޔަރު ވަނީ އަމީނީ މަގު ހެދުމަށް އާރުޑީސީ އާއިއެކު ވެފައިވާ އެއްބަސްވުމުގެ ބައެއް ތަފްސީލުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން 1.7 ކިލޯމީޓަރު ހުންނަ އަމީނީ މަގު ހެދުމަށް އެ ކުންފުންޏާއެކު އެއްބަސްވީ 39 މިލިއަން ރުފިޔާއަށް ކަމަށާއި، އެއީ އެ ކުންފުނިން ފައިދާ ލުމަށްފަހު އެކުންފުނިން އަގު ފޮނުވައި، އެއްބަސް ވެވުނު އަގެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު ހަމަ އެމަގު ހެދުމަށް އާރުޑީސީ އަށް 84 މިލިއަން ރުފިޔާ ދިނުމަށް ޕްލޭނިން މިނިސްޓްރީ އިން ނިންމައި އާރުޑީސީއިން އެކަން އިއުލާން ކުރިކަން މޭޔަރު ހާމަކުރެއްވިއެވެ. އިތުރު 45 މިލިއަން ރުފިޔާ ހިމަނައިގެން މި މަޝްރޫއު ކުރިޔަށް ގެންދިޔުމަކީ ސީދާ ކޮރަޕްޝަންގެ އަމަލެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައާއި ގުޅުވައިގެން އާރުޑީސީއިން ދިން ރައްދު 

މޫކޭ ވިދާޅުވިގޮތުގައި ‏އަމީނީ މަގު ހެދުމަށް މިނިސްޓްރީއާ އެކު އާރުޑީސީ އިން ސޮއިކޮށްފައި ވަނީ މުޅިން އާ ޕްރޮޖެކްޓެއްގައެވެ. އެއީ ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މުޅިން އައު ނިޒާމެއް ގާއިމުކޮށް ޖުމްލަ ހައްލެއް އަމީނީ މަގަށް ގެނައުމަށް ސޮއި ކުރި އެއްބަސްވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސިޓީ ކައުންސިލާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާ ކަމަށާއި މުއިއްޒު ހެެއްދެވީ ހުސް އިތުރުފުޅުކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫކޭ މިފަދައިން ވިދާޅުވުމާގުޅިގެން މުއިއްޒު ވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލާއި އާރުޑީސީއާއި ދެމެދު ހެދި އެއްބަސްވުމުގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މަސައްކަތް ކުރުމަށް 4.2 މިލިއަން ރުފިހާ ހިމަނާފައިވާ ކަމުގައެވެ. އަދި އެއީ މުޅި މަޝްރޫއުގެ އަގު ކަމަށްވާ 39 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ މަސައްކަތެއްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ޕްލޭނިން މިނިސްޓްރީ އާއި އާރުޑީސީގެ ޑީލް

ޕްލޭނިން މިނިސްޓްރީއިން ބޮޑު އަގުގައި އާރުޑީސީއަށް މި މަސައްކަތް ހަވާލު ކުރި ހުރިހާ ލިޔެކިޔުމެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. ސިޓީ ކައުންސިލަށް އާރުޑީސީ އިން ދީފައިވާ އަގުތަކާއި ޕްލޭނިން މިނިސްޓްރީއަށް ދީފައިވާ އަގު ”ބޮންތި“ އިން އަޅާ ކިޔުމަށްފަހު ސިވިލް އިންޖިނިއަރިން ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މާހިރުންނާ މި ލިޔެކިޔުންތައް ހިއްސާ ކުރެވުނެވެ. އެބޭފުޅުން ދެއްވި އިރުޝާދުގެ އަލީގައި މަސައްކަތުގެ އަގުތަކަށް ބެލުމުން ކޮރަޕްޝަނުގައި ހައްދުފަހަނައަޅާފައިވާ މިންވަރު ހާމަވެގެން ދިޔައެވެ.

އަމީނީ މަގުގެ މަސައްކަތާއި ގުޅޭގޮތުން ޕްރެލިމިނަރީޒް ނުވަތަ މަސައްކަތް ފެށުމަށް ސައިޓް ތައްޔާރު ކުރުމަށް ކުރެވޭ ހަރަދުގެ ގޮތުގައި ސިޓީ ކައުންސިލުން އެއްބަސްވި އަގަކީ 134،000 ރުފިޔާ އެވެ. އެކަމަކު ޕްލޭނިން މިނިސްޓްރީއަށް އާރުޑީސީ އިން ދިން އަގަކީ 10 މިލިއަން ރުފިޔާއެވެ. ބައިނަލްއަގުވާމީ ޕްރެލިމިނަރީޒްގެ އަގުގެ ރޭޓަށް ބަލާއިރު މިއީ 6 ގުނަ ބޮޑު އަދަދެކެވެ.

ސްޓޯމް ވޯޓާ މެނޭޖުމެންޓް ސިސްޓަމް ގާއިމްކުރުމަށް 4.2 މިލިއަން ރުފިޔާ އަށް އާރުޑީސީއިން ސިޓީ ކައުންސިލަށް ކޯޓު ކުރިއިރު، މިނިސްޓްރީއަށް ހުށަހެޅި އަގަކީ 17.5 މިލިއަން ރުފިޔާއެވެ. ދުވާރު ހެދުމަށް މިނިސްޓްރީއަށް 33.4 މިލިއަން ރުފިޔާ ހުށަހެޅިއިރު ސިޓީ ކައުންސިލަށް ހުށަހެޅި އަގަކީ 16 މިލިއަން ރުފިޔާއެވެ. ތާރުއެޅުމަށް ދެފަރާތަށް ދިން އަގު ކަމަށްވާ 15 މިލިއަން ރުފިޔާއަށް ބަދަލެއް ނުގެނެއެވެ. ތާރުއެޅުން އެއް އަގަކަށް ހުރެފައި ދުވާރު ހެދުމުގެ އަގުގެ ފަރަގު މިހާ ބޮޑުތަނުން ތަފާތުވެގެން ދިޔުމަކީ ވަރަށް ބޮޑު ޖޯކެކެވެ.

މިއީ އައު މަސައްކަތެއް ކަމަށް މޫކޭ ވިދާޅުވިއިރު، މާފަންނު ސެގްމެންޓާއި ހެންވޭރު ސެގްމެންޓުގެ މަސައްކަތަކީ މަޝްރޫއުގެ ތެރޭގައި ކުރިންވެސް ހިމެނޭ އަދި ކުރެވެމުންދާ މަސައްކަތަކަށްވާއިރު، އަމީނީ މަގަށް ބޮޑު އަގުގައި ސްޓޯމް ވޯޓާ ސިސްޓަމާއި ޑީވޯޓަރިން ހޮޅި ވަޅުލުމަށް އިތުރަށް އަގު މަގު ކުރަންޖެހޭ ސަބަބެއް ނެތެވެ.

އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް މައުލޫމާތު ދިންގޮތުގައި މި މަޝްރޫއު ސަބް ކޮންޓްރެކްޓަށް ބޭރު ކުންފުންޏަކަށް ދިނުމަށް މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އެކަމަކު އެގޮތަށް ސީދާ ނިންމާފައިވާކަމެއް ނޭނގެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި އިއްޔެ ރޭ ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ހުއްޓާލީ އާރުޑީސީއަށް ސިޓީ ކައުންސިލުން ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ އޮތުމުން ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން ”އެއްބަސްވުމާ ހިލާފުވި“ މައްސަލައިގައި ދައުވާ ކުރަން ވަނީ ނިންމާފައެވެ. މޫކޭގެ މިވާހަކަތަކުން ސިޓީ ކައުންސިލާއި އޭނާގެ ކުންފުންޏާއި ދެމެދު އެއްބަސްވުމެއް އޮތް ކަން ހާމަވެއެވެ. އަދި އެއްބަސްވުމެއް ނެތް ކަމަށް ވިދާޅުވެ އޭނާ އިތުރުފުޅު ހައްދަވާފައިވާކަން ސާބިތުވެއެވެ. މޫކޭގެ ހަމައެކަނި ޒުވާބަކީ އޭނާގެ އަތުން ސޮއި ނުކުރާ ވާހަކައެވެ.

މާލެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތީ ގާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައި އެ މައްސަލައިގައި ސިވިލް ކޯޓަށާއި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ދާން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ޕްލޭނިން މިނިސްޓްރީ އިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެ މަޝްރޫއު އާރުޑީސީ އާއި ހަވާލު ކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ދާން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

 

5 Comments

  1. ހޮޓެލް ޖެންގަ ބޭއްވި އެއްބަސްވުމުގަ ސޮއިކުރާކަން ދެއްކީ މުއިއްޒުގެ އެދުމަކަށް.. މުއިއްޒު މެޑަލްޖަހަން ބޭއްވި އެއްޗެއް.. މުއިއްޒު ސޮއިކުރި އެއްބަސްވުމެއް ނުވެސް ނެތް.. ދެން ތިޔަ ބުބާ އެއްބަސް ވުމަކު ވެސް ނެތް އަމީނީ މަގުގެ ވާހަކައެއް.. ސޮއެއް ނެތް ބީއޯ ކިއުއެއް ވަކިން ދައްކަންޖެހެނީ ކީއްވެޔޯ؟؟ އެއްބަސްވުމުގަ އަމީނީ މަގު އޮތްނަމަ އެތަންކޮޅު ފޮޓޯ ނަގާފަ ދައްކާ..

  2. މިއީ މައްމަގެ އަތުން ދަރި ވައްކަން ކުރުން ކަހަލަ ކަމެކެވެ. ލާރިދެނީ ދައުލަތުންނެވެ. އެއީ މައްމައެވެ. މަސައްކަތް ކުރަނީ ސަރުކާރުންނެވެ. އެއީ ދަރި އެވެ. މިސަރުކާރަކީ ކޮރަޕްޝަނުން މުޅިން ޚަރާބު ވެފައިވާ ސަރުކާރެކެވެ.

  3. Kithanme varakah corruption hingaafa ves maguthah hedhihjehyaa aanmunnah faseyhavaane. Ventilator ah veehen laarikolhu kaalaafa havaaluvi masakkaiy ves nukoh salaamaiy vaathee dheraee.

  4. Dhefaraathugaives thibee vagun. Ehenkamun dhakkaa vaahakaiige ithubaareh nei. Masakkaiy MCC aai havaalu koffinama fenvaru dhakkoh hedhumun dhaulathah double gellunvaane

Leave a Reply to އަސްލުހާލަތު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button