
މާލީ އަނދަވަޅެއްގައި ތިއްބާ ޓެކްސް ބޮޑުކުރުމަކީ އަނިޔާއެއް ކަމުގައި ޕީޕީއެމްގެ ސެނެޓަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޚާލިދު ވިދާޅުވެއްޖެއެވެ.
އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ ޚާލިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން ވިޔަފާރިވެރިން އާންމުން އަތުން ނަގަން ޖެހޭ ފައިސާ ނަގާ ދައުލަތަށް ދައްކަމުން ގެންދާނެ ކަމަށާއި، އެކަމުގައި ހަނާވާނީ އާންމު ރައްޔިތުން ކަމުގައެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖެހެނީ އިގްތިސާދު މިއަށްވުރެ ރަނގަޅަށް މެނޭޖު ކުރައްވާނެތީ
— Khalid Abdulla Ali (@khalid__SP) July 6, 2022
ޚާލިދުގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ މާލީގޮތުން އަނދަވަޅެއްގައި ތިބި ދަނޑިވަޅެއްގައި ޓެކްސް ބޮޑުކޮށްގެން ސަރުކާރު ހިންގުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމުގައެވެ.
”ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖެހެނީ އިގްތިސާދު މިއަށްވުރެ ރަނގަޅަށް މެނޭޖު ކުރައްވާނެތީ.“ ޚާލިދު ވިދާޅުވިއެވެ.
ޚާލިދު މިފަދައިން ވިދާޅުވެފައިވާއިރު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދާދިފަހުން ވަނީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ.
މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.