ޕީޕީއެމްގެ ލީޑަރޝިޕުން އޮސްޓްރޭލިއާގެ ހައިކޮމިޝަނަރާއި ބައްދަލުކޮށްފި
ޕީޕީއެމްގެ ލީޑަރޝިޕުން އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައިކޮމިޝަނަރ، ޑޭވިޑް ހޮލީ އާއި ބައްދަލުކޮށްފިއެވެ.
މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ބައްދަލުވުން އޮތީ ޕީޕއެމް އޮފީހުގައެވެ. އެޕާޓީއިން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮތް ގުޅުން ވަރުގަދަކުރުމާއި ގުޅޭ ގޮތުންނާއި، އެޕާޓީއިން ކަންބޮޑުވާ އިތުރު މައްސަލަތަކާއި ގުޅޭ ގޮތުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖްލީހުން ފާސްކޮށްފައިވާ ހެއްކާއި ބެހޭ ބިލާއި، ޖުޑިޝަލް ސާރވިސް ކޮމިޝަނުގެ ކޮންޕޮޒިޝަނާ ގުޅޭގޮތުން އެޕާޓީގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެކަމަށް އެޕާޓީއިން ބުންޏެވެ.
ހަމަ އެހެންމެ މި ބައްދަލުވުމުގައި އިންޑިއާ އާއެކު ހެދިފައިވާ އަޑިނޭންގޭ އެއްބަސްވުންތަކުގެ އިތުރުން، 2023 ގެ އިންތިހާބާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ އުސޫލަތަށް ފެއިލްވެފައިވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައިކަމަށް އެޕާޓީއިން މައުލޫމާތުދެއެވެ.
ޕީޕީއެމުން މީގެ ކުރިން ވަނީ ހަމަ މިފަދަ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ޗައިނާގެ ސަފީރުގެ އިތުރުން އިންޑިއާގެ ސަފީރާއިވެސް ބައްދަލުކޮށްފައެވެ.