ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ޝަރީއަތް: ހެކި ހުށަހެޅުމުގެ މަރުހަލާ ނިމިފައި ވަނިކޮށް ގަވައިދާ ހިލާފަށް ދައުލަތުން އައު ހެކިތަކެއް ހުށަހަޅައިފި

ވ.އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް, ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދެ ދައުވާގެ ހެކިބަހާމެދު ވާހަކަދެއްކުމުގެ މަރުހަލާ މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ފެށުމާއެކު، ދައުލަތުން އައު ހެކިތަކެއް މިއަދު ހުށަހަޅައިފިއެވެ. 

އައު ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅީ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގައި ބޭއްވި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ބައްދަލުވުންތަކެއްގެ ޔައުމިއްޔާ އާއި، ހެކިންގެ ތެރެއިން ބޭފުޅެއްގެ ވަޒީފާގެ ހާޒިރީއެވެ. އެނގިފައިވާގޮތުގައި އެއީ މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހާޒިރީ ރެކޯޑުތަކެވެ. އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ ސިފައިންގޭގައެވެ. މި ލިޔުންތައް ދައުލަތުން ހުށަހެޅީ ހެކިން ދެއްކި ވާހަކަތަކާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުމަށް ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން ދިފާއީ ވަކީލުން ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައިވާގޮތުން ހެކި ހުށަހަޅަން އޮންނަ މަރުހަލާއަކީ ދައުވާ ހުުށަހަޅާ މަރުހަލާ ކަމުގައެވެ. އަދި ދައުވާ ފޯމުގައި ދައުލަތުން ހުށަހަޅާ ހެކިތައް ބަޔާންކުރަންޖެހޭނެ ކަމަށާއި، އޭގެ ފަހުން ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ މަރުހަލާގައި އައު ހެކިތަކެއް ހުށަހެޅުމަކީ ގާނޫނު ތަން ނުދޭ ކަމެއްކަން ވަކީލުން ފާހަގަކުރެއްވިއެވެ. 

އާރަށު މައްސަލާގައި ރައީސް ޔާމީނާއެކު ދައުވާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފު ނައީމުގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފުވެސް ވިދާޅުވީ އައު ހެކި ހުށަހަޅާ ކަމުގައިވާނަމަ، އެކަން ކުރަންޖެހޭ އިޖުރާއާތުތަކެއް ހުންނަ ކަމުގައެވެ.

”އެކަމަށް ހާއްސަ ފޯމެއް ފުރައިގެން ހެކި ހުށަހަޅަންޖެހޭ. އަދި ހެކި ބަލައިގަތުމަށް އެދޭ ގާނޫނީ ސަބަބު ޖިނާއީ އިޖުރާއާތުގެ މާއްދާއަކާ ހަވާލާދީ ބަޔާންކުރަންޖެހޭ.“ ހަމްޒާ ވިދާޅުވިއެވެ. 

ހަމްޒާ ފާހަގަކުރެއްވިގޮތުގައި ދައުލަތުން އައު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިޔުންތައް ބަލައިގަތުމަށް ހުށަހަޅާފައިވަނީ އެ އިޖުރާއާތު ފުރިހަމަ ނުކޮށެވެ. 

ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު  ވިދާޅުވިގޮތުގައި ޝަރީއަތެއް ކުރަންޖެހެނީ ދެ ހަސްމުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރެވޭ ގޮތަށެވެ.

”އިއްޒަތްތެރި ގާޒީ. ދައުލަތުން ބޭނުންވީމާ ބޭނުން ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ދީގެން ޝަރީއަތް ކުރުމަކީ ހަމަހަމަކަން ގެއްލޭނެ ކަމެއް.“ ޑރ.ޖަމީލު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން މި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ދައުލަތުން ހުށަހެޅި އައު ހެއްކާ ބެހޭ ގޮތުން ގޮތެއް ނިންމާނީ މިމަހުގެ 17 ވަނަ ދުވަހު އޮންނަ އަޑުއެހުމުގައި ކަމުގައެވެ. 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button