ކޮލަމް

ކާނަލް ޓޭޕުން ނާޒިމް ސައްތާރު ދެމިޔަދީގެން ނުވާނެ!

އެންމެ ފުރަތަމަ ލީކު ކޮށްލީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމް ގިރި އާއި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެެކެވެ. އޭނާގެ ގައި މަތީ އަންހެނަކު އޮންނައިރު، އިތުރު ފިރިހެނަކު ކައިރީގައި އޮވެއެވެ. ދެން އެރި އަޑަކީ ދައުލަތުގެ ބޮޑުންނާއި، ބޮޑުންގެ ދަރިންގެ ވީޑިއޯ ހިމެނޭގޮތަށް 42 ވީޑިއޯއެއް އޮތް ވާހަކައެވެ. އެއަށް ފަހު އެންމެ ބާރަށް ދައްކަން ފެށީ ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދުގެ ވީޑިއޯގެ ވާހަކައެވެ.

އެ ވީޑިއޯއާއި ގުޅިގެން ކުރިން ”ބޮންތި“ އަށް ކާނަލް ވިދާޅުވިގޮތުގައި އޭނާ ދިޔައީ ބިޒްނަސް މީޓިއިން އަކަށެވެ. ފުރަތަމަ ލީކުކޮށްލީ އަލަމް ގިރީގެ ލިވާތު ކޮޓަރިއަށް ކާނަލް ވަންނަ ފޮޓޯތަކެކެވެ. އެ ފޮޓޯތަކުން ފެންނަނީ އޭނާ އަލަމް ގިރިއާ ވާހަކަ ދައްކާތަނެވެ. ކާނަލް ވިދާޅުވިފަދަ ބިޒްނަސް މީޓިއިން އެކެވެ. އޭނާ ވިދާޅުވިގޮތަށް ގޯހެއް އުޅޭކަން އެނގުމުން ނިކުމެގެން ދިޔައީ ކަމެއް މަޑު ކުރީކަމެއް ނޭނގެއެވެ.

ދެން ނިކުތީ ކާނަލްގެ ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނީ އޭނާ އަލަމް ގިރި އުޅޭ ކޮޓަރިއަށް ވަންނަ ތަނެވެ. ކާނަލް ވަނުމުގެ ކުރިން އާދައިގެ މަތިން އަލަމް ގިރި ކެމެރާ ސެޓްކޮށްލައެވެ. އެއަަށްފަހު ނިކުމެގެން ދަނީއެވެ. އަލަމް ގިރި އެނބުރި ކޮޓަރިއަށް ވަންނަނީ ކާނަލް ވަންނަ ފަހުންނެވެ. ދެން ނިކުންނަ ވީޑިއޯއިން ފެންނަނީ ކާނަލް ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި ބަންޑުން އޮށޯވެ އޮންނަ އިރު އަލަމް ގިރި އޭނާގެ ގައިގައި ތެޔޮ ދަމާ ތަނެވެ. އެ ވީޑިއިއޯއިން ކާނަލްގެ މޫނެއްވެސް ސާފެއް ނޫނެވެ. އެހިސާބުން އެ ވީޑިއޯ ނިމުނީއެވެ. ތިންވަނައަށް ލީކުކޮށްލި ވީޑިއޯއިން ފެންނަނީ ކާނަލް ކަމަށް ބެލެވޭ މީހަކު އަލަމް ގިރި އާއި އެއްޖިންސުން ގުޅުން ހިންގާ ފަދަ އަމަލެއް ހިންގާތަނެވެ. އެ ވީޑިއޯއިން ކާނަލްގެ މޫނެއް ސާފެއް ނޫނެވެ. އަދި ހިންގަނީ ކޮން އަމަލެއް ކަމެއްވެސް ނޭނގެއެވެ. ކިރިޔާވެސް ވައްތަރީ އޭނާގެ ހަމުގެ ކުލައާއި ހަށިގަނޑުގެ ބައްޓަމެވެ. ތިން ވީޑިއޯވެސް ލީކު ކޮށްލީ ބުރި ބުރި އަށެވެ. އެއް ވީޑިއޯ އަނެއް ވީޑިއޯ އާއި ގުޅުމެއް ނެތެވެ. އެއީ ނާޒިމް ސައްތާރުގެ ވީޑިއޯ ގޮތަށް އެކީ އެކަށް ލީކު ކޮށްފައިވާ ވީޑިއޯއެއް ނޫނެވެ. ނާޒިމް ސައްތާރުގެ ވީޑިއޯ ގޮތަށް ޖިންސީ އަމަލެއް ހިންގާ މަންޒަރާއި މޫނާއި ހަށިގަނޑުގެ ވަނާތައް ގާތަށްވެސް ސާފެއް ނޫނެވެ. އެކަމަކު މަސްރަހުގައި ގަދަޔަށް ދައްކަނީ ކާނަލްގެ ވީޑިއޯގެ ވާހަކައެވެ.

އެއްވެސް ހާލެއްގައި ކާނަލް ކުރި ކަމެއް ނުކުރާ ކަމަށް ނުވަތަ ކާނަލް ނުކުރާ ކަމެއް ކުރިކަމަށް ނިންމަނީއެއް ނޫނެވެ. ކާނަލް އެފަދަ ކަމެއް ކުރިޔަސް ނުވަތަ ނުކުރިޔަސް އަހުރެންނައް ކީއް ހެއްޔެވެ؟ އެކަމަކު މާގަދަޔަކަށް ކާނަލް ޓޭޕުގެ ވާހަކަ ދެކެވެން ފެށީމަ ސުވާލު އުފެދޭ ކަންކަން ހުރީއެވެ.

ފުރަތަމަ ކަމަކަށް ނާޒިމް ސައްތާރުގެ ވީޑިއޯ ލީކު ކޮށްލިގޮތަށް އެކީ އެކައްޗަކަށް ކާނަލްގެ ވީޑިއޯ ލީކު ނުކޮށްލީ ކީއްވެގެން ހެއްޔެވެ؟ މިކަމުގައި ކާނަލް އެ ވިދާޅުވާފަދަ ބްލެކްމެއިލް ކުރުމުގެ އަމަލެއް ހިނގާފައި އޮތީ ހެއްޔެވެ؟ ކާނަލް ބުނެފައިވާގޮތުގައި އޭނާގެ ބަރަހަނާ ވީޑިއޯއެއް ނުހުންނާނެއެވެ. އެކަމަކުވެސް އެތަނަށް ވަދެވުނީތީ އެބަޔަކު އޭނާ އަށް ގުޅައި ފައިސާއަށް ޑިމާންޑު ކުރީއެވެ. އަދި ފައިސާ ނުދިނުމުން ހުރި އެއްޗެއް ވިއްޔާ ލީކު ކުރަން ފެށީއެވެ. އިތުރު ވީޑިއޯތަކެއް ލީކުވުމަކީވެސް އެކަށީގެންވާކަމެކެވެ. އެކަމަކު މިހާތަނަށް ނިކުތް އެއްވެސް ވީޑިއޯއެއް ގުޅުވޭނެ ގޮތެއް ނެތެވެ. އަދި ތަހުގީގު މަރުހަލާގައިވެސް އެންމެ ބޮޑު ގޮންޖެހުމަަކަށް ވާނީ ކާނަލް ކަން ސާބިތު ނުވުމެވެ.

މިކަމުގައި އަހުރެން ބުނާން އޮތީ އެންމެ ވާހަކައެކެވެ. ކާނަލްގެ ޓޭޕުތަކާހެދި ނާޒިމްގެ ސާފު ވީޑިއޯގެ ވާހަކަ ހިނދުނީ ކީއްވެ ހެއްޔެވެ. ކާނަލް އާއި އަލަމް ގިރި އާއި ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ކާނަލް ހުރީ ސަރުކާރުގެއިވެސް އިދިކޮޅުގެވެސް އެއްވެސް މަގާމެއްގައެއް ނޫނެވެ. އެކަމަކު ނާޒިމް އަދިވެސް ހުރީ ބާ ކައުންސިލްގެ ލައިސެންސްގެ ދަށުން ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރެވޭފަދަ ހާލަތެއްގައެވެ. މިއީ ޝަރުއީ ދާއިރާ އަށް އާންމުންގެ މަލާމާތާއި ފުރައްސާރަ ހުއްޓުމެއް ނެތި ކުރިމަތިވާނެ ކަމެކެވެ.

މިހުރިހާ ދުވަހެއް ވެގެންދިޔައިރު ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމަށް ނާޒިމްގެ ސުލޫކީ މައްސަލަ ނުބަލަނީ ކީއްވެ ހެއްޔެވެ؟ ވަކީލަކު އެ މައްސަލަ ހުށަހަޅަންދެން ބަލަން ތިބުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ އެނގޭހާވެސް އެއްޗަކީ ނާޒިމަކީ ސިޔާސީ ނުފޫޒުގެ ބުރަދަން ބޮޑު މީހެއް ކަމެވެ. އެއާ ހިލާފަށް އަލަމް ގިރި އާއި ކާނަލް އަކީ އާރެއް ބާރެއް ނެތް ދެ މީހުންނެވެ. އަލަމް ގިރި ހިންގި އަމަލާއި ނާޒިމް ހިންގި އަމަލު ޔަގީނާ ގާތަށް ސާފުވާން އޮތް އިރު އެމީހުން ހައްޔަރު ނުކޮށް ކާނަލް ހައްޔަރު ކުރުމަކީވެސް އިންސާފަކަށް ނުވާނެއެވެ. އެކަމަކު ކާނަލަށް ވިޔަސް އެފަދަ މުޑުދާރު އަމަލެެއް ހިންގުމަކީ ބަލައިގެނެވޭނެ ކަމެއް ނޫނެވެ. އޭނާގެ މައްސަލަވެސް ބަލަންވީއެވެ. ނާޒިމްގެ އަޑު މަޑުކޮށްލުމަށް ކާނަލްގެ ޓޭޕުގެ ވާހަކަ ދައްކުވަން ބަޔަކު އަޑީގައި ނެތްކަމެއްވެސް ނޭނގެއެވެ. އެގޮތަށް އެކަން ވިޔަސް އަދި ނުވިޔަސް ކާނަލްގެ ޓޭޕުތަކުން ނާޒިމް ދެމިޔަދީގެން ނުވާނެއެވެ.

3 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button