ޚަބަރު

މާލެ ސިޓީ ކައުންސިލްގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފި

މުހިންމު މަޝްރޫޢުތަކަކާއިއެކު ކުރިއަށްއޮތް 2023 ވަނަ އަހަރަށް ލަފާކުރާ މާލެ ސިޓީ ކައުންސިލްގެ ބަޖެޓް ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބަޖެޓާއި ގުޅޭ ތަފްސީލީ މަޢުލޫމާތުތައް މާލެ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޖުތަބާ ޖަލީލް ވަނީ ހަމަކުރައްވާފައެވެ.

އެގޮތުން މުޖްތަބާ ވިދާޅުވީ އެންމެ ފަހުން ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި 2023 އަށް ލަފާކުރާ ބަޖެޓާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެކި ފަރާތްތަކުން ދެއްވި ޚިޔާލުތައް ބަޖެޓުގައި ހިމެނިފައިވާކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި ވާނީ ބަޖެޓާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފަ. އެކިއެކި ފަރާތްތަކުން ދެއްވި ޚިޔާލުތައް ހިމެނިފަ“ މުޖުތަބާ ވިދާޅުވިއެވެ. 

ބަޖެޓްގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބޮޑެތި ކަންކަމުގެ ތެރޭގައި މީޑިއާތަކާއި، ސްކޫލްތަކުގެ އޮނިގަނޑާއި މަރާމާތަށް،ބޭނުންވާ ބަޖެޓާއި،މަގުތަކުގެ ނަންބޯޑު ބެހެއްޓުމަށާއި، ބޯހިޔާވަހިކަމާއި، އަދި ބުޅާ ޝެލްޓަރ އަށް ކަނޑައެޅިފައިވާ ބަޖެޓް ހިމެނެއެވެ.

މީގެ އިތުރުން ތިމާވެއްޓާއި ގުޅުންހުރި ކަންކަމާއި، ކައުންސިލްގެ އެކި އެކި މުހިންމު ޕްރޮގްރާމްތަކަށް އިތުރު ކުރަންޖެހޭ ބަޖެޓްވެސް ހިމެނޭ ކަމަށް މުޖްތަބާ ވިދާޅުވިއެވެ.

މުޖްތަބާ އިތުރަށް ވިދާޅުވީ ބަޖެޓް އެކުލަވާލެވިފައި ވަނީ މިދައުރުގެ ފަސް އަހަރު ދުވަހަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން 2023 ގައި ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކާއި މިހާރު ކުރިއަށްދާ މަޝްރޫޢުތައް ހިމަނައިގެން ކަމަށެވެ.

މި ބަޖެޓް އެކުލަވާލެވިފައިމިވަނީ ސިޓީ ކައުންސިލްގެ މިދައުރުގައި ފަސް އަހަރު ދުވަހަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން 2023 ގައި ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކާއި މިހާރު ކުރިއަށްދާ މަޝްރޫޢުތައް ހިމަނައިގެން.“މުޖުތަބާ ވިދާޅުވިއެވެ. 

ބަޖެޓާއި ގުޅޭގޮތުން މޭޔަރު މުޢިއްޒު ވިދާޅުވީ ކައުންސިލްގެ ބަޖެޓު ފާސްކުރިނަމަވެސް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ގެންނަންޖެހޭ ބަދަލުތައް ބަޖެޓަށް ގެނެވޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ޕާކިންގ ސްލޮޓްތައް ލޮކްކުރުމަށް ހިނގާނެ ޚަރަދުކަމަށް 2 މިލިއަން ރުފިޔާ ހިމެނުމަށާއި ޓްރެފިކް ވާޑްން ޚިދުމަތް ފަށައިގަންނައިރު އެ ޚިދުމަތަށް ބޭނުންވާ ވެހިކަލް ގަތުމަށް 2 މިލިއަން ރުފިޔާ ކައުންސިލްގެ ބަޖެޓުގައި ހިމެނުމަށް ކައުންސިލަރު ރަމީޒު ހުށަހެއްޅުއްވިއެވެ.އަދި ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ މާލޭގެ ފަޅުތެރެ ފުންކޮށް ސާފުކޮށް ބެލެހެއްޓުމަށް 5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާފައެވެ.

ކައުންސިލުން 2023 އަށް ލަފާކުރާ ބަޖެޓާއި އިންކަމް ރެޖިސްޓަރއަށް ގެނެވިފައިވާ ބަދަލުތަކާއެއްކޮށ ފާސްކުރެއްވުމަށް އެދި ޑެޕިއުޓީ މޭޔަރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ކައުންސިލަރު އައިފާން ތާއީދުކުރައްވާ ވޯޓަށް ހުޅުވާލުމާއިއެކު ޖަލްސާގެ އިއްތިފާޤުން ވަނީ ބަޖެޓް ފާސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button