
އިގްތިސާދު ރަނގަޅު ކުރަން ޓެކްސް ނަގަނީ ވެރިންގެ މުސާރަ ޖީބަށް ހެޔޮވަރު ކުރަންތޯ ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަކީލު ސުވާލު ކުރައްވައިފިއެވެ.
މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް ސަރުކާރުން ބޮޑު ކުރަން ނިންމުމާ ގުޅިގެން ޝަކީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ކުޑަނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްގެން އިގްތިސާދަށް ކުރާނެ ފައިދާއެއް ނެތްކަމުގައެވެ.
”ރައްޔިތުން އަތުން ޖިޒީ ނަގައިގެން ސަރުކާރު ބޮޑުކޮށްގެން ސިޔާސީ ވެެރިންގެ މުސާރަ ޖީބަށް ހެޔޮވަރު ކުރުމަކީ ރަނގަޅުވުން ތޯ؟“ ޝަކީލު ވިދާޅުވިއެވެ.
ޝަކީލުގެ އިތުރުންވެސް ގިނަ ސިޔާސީ ބޭފުޅުން އަންނަނީ ޖީއެސްޓީ އައި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވަމުންނެވެ.
ސަރުކާރުން ކުރާ ބޭކާރު ޙަރަދުތައް ކުޑަނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްގެން އިގްތިޞާދަށް ކުރާނީ ކޮންފައިދާއެއްތޯ؟ ރައްޔިތުން އަތުން ޖިޒِީ ނަގައިގެން ސަރުކާރު ބޮޑުކޮށްގެން ސިޔާސީ ވެެރިންގެ މުސާރަ ޖީބަށް ހެޔޮވަރު ކުރުމަކީ ރަނގަޅުވުން ތޯ؟ pic.twitter.com/GT7ji4eLaU
— Mohamed Shakeel 🇲🇻 (@schakyyl) July 5, 2022
ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށެވެ.
އެ ހުށަހެޅުން ފާސްކުރަން މަޖިލިސް ހުޅުވުމުން ފޮނުވާނެ ކަމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.