ޚަބަރު

ޖަނަވާރާއި ދޫނި ގެންގުޅޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރަނީ

ޖަނަވާރާއި ދޫނި ގެންގުޅޭއިރު އެސޮރުމެންނަށް ފަރުވާދީ ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ރާއްޖޭގައި މިހާތަނަށް ގާއިމުވެފައެއް ނެތް ކަމަށާއި މި އަހަރު އެ ނިޒާމު ގާއިމުކުރަން ފަށްޓަވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައި އެމަނިިކުފާނު ވިދާޅުވީ މި ސަރުކާރުގެ އޯގާތެރިކަމުގެ ހިޔާ އޮތީ އިންސާނުންނާ ހަމައިން ހުއްޓިފައި ނޫން ކަމަށާއި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިރޭތަކެއްޗަށް ހޭހަންކުރާނެ ވުޒާރާއެއް މި ސަރުކާރުން އުފައްދަވާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ އާއިލާތަކުން އޮޅު ޖަނަވާރާ ދޫނި ގެންގުޅޭއިރު އެސޮރުމެންނަށް ފަރުވާދީ ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް މިހާތަނަށް ގާއިމުވެފައެއް ނެތް. އިރާދަކުރެއްވިއްޔާ މި އަހަރު އެ ނިޒާމު އަޅުގަނޑުމެން ގާއިމުކުރަން ފަށާނަން“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގައި ބުޅާ ގިނަވެ، ބެލެހެއްޓޭނެ ރަނގަޅު ގޮތެއް ފަހިނުވެ ދުވަސްތައް ދިގުލައިގެން ދިޔައީ، ބުޅާ ބަލަހައްޓާ ފެސިލިޓީއަކަށް ސަރުކާރުން ބިން ނުދީގެން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި ފަހުން ފެސިލިޓީއަކަށް ބޭނުންވާނެ ޖާގަ މާލެ ސިޓީ ކައުންސިލަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ރާއްޖޭގެ ފެހިކަން އިތުރުކުރުމަށް ޓަކައި މި ދައުރުގައި 5 މިލިއަން ގަސް މުޅި ރާއްޖޭގައި އިންދުމުގެ މަޝްރޫއުއެއް މި އަހަރު ފަށްޓަވާނެ ކަމަށާއި، ތިމާވެށްޓާ ރަށްޓެހި އިއާދަކުރުވަނިވި ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު 4 އިންސައްތައިން، 33 އިންސައްތައަށް މި ދައުރުގައި އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ގަސް އިންދައިގެން ރާއްޖޭގެ ފެހިކަން އިތުރުކުރަނީ، އަދި ތިމާވެށްޓާ ރަހުމަތްތެރި އާދަތަކަށް އަހުލުވެރިކުރުވަނީ، ރާއްޖޭގެ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ޓަކައި ކަމަށާއި، ޚާއްސަކޮށް، އަދުގެ ކުޑަކުދީންނާއި ޅަ ޒުވާނުންނަށް ރީތި ޗާލު ފެހި ނަލަ ރާއްޖެއެއް ވާރުތަކޮށްދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button