ޚަބަރުސިޔާސީ

ރައީސް ނަޝީދާއެކު އެމްޑީޕީއަށް ދެން ވެރިކަމެއް ނުލިބޭނެ: މޫކޭ

މަޖިލިސް ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީއަށް ދެން ވެރިކަން ނުލިބޭނެކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ ރައީސް ނަޝީދު ކުރިމަތިލައްވައިގެން އެ ޕާޓީއަށް ވެރިކަން ލިބޭނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމުގައެވެ. އަދި އެމްޑީޕީގެ އެތެރޭގެ އެެއްވެސް އިންތިހާބެއް ދެން އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި، އެތެރޭގެ ކޮންމެ އިންތިހާބެއްވެސް ދެން ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމުގައި މޫކޭ ވިދާޅުވިއެވެ.

މޫކޭ ފާހަގަކުރެއްވިގޮތުގައި ބަލިވިޔަސް މޮޅުވިޔަސް އޭނާ ހުންނަވާނީ ރައީސް ސޯލިހާއެކީގައެވެ. އަދި ރައީސް ނަޝީދަކީ އަނގަ ގަދަ ބޭފުޅެއްގެ ގޮތުގައި މޫކޭ ސިފަކުރެއްވިއެވެ.

”ހަމަ އާންމު މެންބަރުން ދައްކާ އަނގަ ގަދަ ވާހަކައާއި، ބުނަން ނުޖެހޭ އެއްޗެހި ބުނާ ވާހަކައާއި، ދެން ބުނަން ޖެހުނީމަ ބުނަން ނުޖެހޭ އެއްޗެހިވެސް ބުނެވޭނެ. ދެން އެކަހަލަ ކަންކަންވެސް ހުންނާނެ. ހުރިހާ ކަމެއް ގޯހެކޭ ނޫން މި ދެންނެވީ.“ މޫކޭ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނަޝީދުގެ ތާއީދު ވަނީ ބޮޑުތަނުން ކުޑަވެފައެވެ. މޫކޭ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަކުން ރީތިގޮތަކަށް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވާނެ ކަމުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button