ޚަބަރު

ނިހާއީ ހުކުމެއް ނާންނަނަމަ ރައީސް ޔާމީނަށް އިންތިހާބުގަ ވާދަކުރެވޭނެ: ފުއާދު

ސުޕްރީމް ކޯޓުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ނިހާއީހުކުމެއް ނާންނަނަމަ ކުރިއަށްއޮތް އިންތިހާބުގަ ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ފުއާދު ތައުފީގު މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް އީސީއިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޗެނަލް-13 އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ފުއާދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިގަތުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އަދި ސީދާ ކަނޑައެޅިގެން ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ.އެހެން ނަމަވެސް އޭނާއަށް ލިބިވަޑައިގެންފާ ތަޖުރިބާގެ އަލީގައި، އަދި އީސީގެ މެމްބަރެއްގެ ހައިސިއްޔަތުން އެއްޗެއް ދަންނަވާނަމަ ސުޕްރިމް ކޯޓުގެ ނިހާއީ ހުކުމެއް ރައީސް ޔާމިންގެ މައްޗަށް ނާންނަހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ފުއާދު ވިދާޅުވި އެވެ.

މެމްބަރެއްގެ ހައިސިއްޔަތުން، ނޫނީ އިލެކްޝަންސްގައި މަސައްކަތްކޮށްފައިވާ ފަރާތެއްގެ ގޮތުން ނޫނީ ވިއްޔާ ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑު ދަންނަވާނީ ނިހާއީ ހުކުމެއް ނާންނަހާ ހިނދެއްގައި ވަރަށް ބޮޑަށް ފުރުސަތު އެބައޮތޭ. އެއީ ޝަރީއަތުގައި މައްސަލަ އޮތުމަކީ އަދި އަޅުގަނޑުމެން އެއްގޮތަކަށްވެސް އެ ބޭފުޅާއަކީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ފުރުސަތު ނެތޭ ބުނުމުގެ ޖާގައެއް އޮތްކަމެއްކަމަކަށް އަޅުގަނޑު ނުދެކެން

 ފުއާދު ތައުފީޤު ވިދާޅުވިއެވެ.

ފުއާދުގެ ވާހަކައިގައިވަނީ މީގެކުރިން ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތަކުން އެމަނިކުފާނު ސުޕްރިމް ކޯޓު މަރުހަލާގައި ބަރީއަވެވަޑައިގެންފައި ވާކަން ފާހަގަކުރައްވާފައެވެ. މިހާރުވެސް އެމަނިކުފާނު މައްޗަށް ދަށު ކޯޓުގައި އޮތް މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އެ މައްސަލަ ވަކިކޮޅަކަށް ނިމުމުގެ ކުރިން ރައީސް ޔާމީނަށް ވާދަނުކުރެވޭނެކަމަށް ކަނޑައެޅިދާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ފުއާދު ވިދާޅުވިއެވެ.

އެއާއެކު ފުއާދު ވިދާޅުވީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދެވޭނެ އެންމެ ފަހި ގޮތްތައް ބެލުމަށް އިލެކްޝަން ކޮމިޝަނުން ފުޅާދާއިރާއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިންތިޚާބުގައި ބައިވެރިވުމަކީ އީސީއިން ބާރު އަޅާ ކަމެއްގެ ގޮތުގައި ފުއާދު ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ އާރަށު މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ އެއްވެސް މިންވަރަކަށް ހެކިތަކުގެ މައްޗަށް ބިނާކޮށް އިއްވި ހުކުމެއް ނޫންކަމަށާއި، ހުކުމުގައި ގިނަގުނަ ގޯސްތަކެއް ހުރިކަމަށް ވިދާޅުވެއެވެ. އެ މައްސަލަ ހައިކޯޓުގައި ކާމިޔާބުވާނެކަމަށްވެސް ވަކީލުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button