ޚަބަރުސިޔާސީ

ޑޮލަރުގެ ކަޅުބާޒާރުގެ އިތުރަށް ތެލުގެ ކަޅުބާޒާރެއް އުފަންކުރުވައިފި: ފަޟުލް

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރުގެ އިތުރަށް ތެލުގެ ކަޅު ބާޒާރެއްވެސް އުފަންކުރުވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޟުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ ޚަރަދުތައްކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ދާދިފަހުން ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި މުދަލާ ޚިދުމަތުން ނެގޭ ޓެކްސް ސަރުކާރުން ބޮޑުކުރަން ނިންމާފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ގޯސްވަމުންދާ މިދަނޑިވަޅުގައި ޑޮލަރާއި ތެލުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށް ވިދާޅުވެ މެންބަރު ފަޟުލް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ މިފަދަ ކަޅު ބާޒާރެއް އުފެދޭނީ ޑިމާންޑާއި އެއްވަރަށް ސަޕްލައި ނެތުމުން ކަމަށެވެ.

އަދި ރަށްރަށުން ރިސޯޓްތަކަށް ތެޔޮ ނުވިއްކާ ކަމަށާއި، އެކަށީގެންވާވަރަށް ރާއްޖޭގައި ތެޔޮ ލިބެން ނެތްކަން އޭނާ ފާހަގަކުރެއްވެވިއެވެ. މިއާއިއެކު ފަޟުލް ވަނީ ކޮންމެ ތެޔޮ ތިއްކެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަން ޖެހޭކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް  ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަންނަ ޖެނުއަރީ މަހު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން މަޝްވަރާ ކުރަމުންދާއިރު، މި ހާލަތުގައި ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން އިސްކަން ދިނުން މާ މުހިއްމުކަމަށް ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިންވެސް ވަނީ ބުނެފައެވެ.

One Comment

  1. ތެލުގެ ކަޅުބާޒާރަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭކަމެއް ނޫން ދެއްތޮ… މަޝްހޫރު 800 މިލިއަން ޑޮލަރ ގެ ތެލުގެ ކަޅުބާޒާރުގެ ވާހަކަވެސް ފަޒުލް އަށް އަޑު ނީވެނީތޯ؟ އަދި އެމް.ޕީ.އެލް ގެ ތެލުގެ ކަޅުބާޒާރު ގެ ސަބަބުން އޭރުގަ އެތާގަ ހުރި މެނޭޖިން ޑިރެކްޓަރު އިސްތިއުފާ ދިނީ ވެސް ޕީ.ޕީ.އެމް ގެ ވެރިކަމުގައި ކަން ފަޒުލް ހަނދާން ނެތުނީ ދެއްތޮ….؟

Leave a Reply

Your email address will not be published. Required fields are marked *

Back to top button