
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލުމުން ފުކެއްހާ މިންވަރުވެސް ދޫ ނުދިންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް މުދަލާ ހިދުމަތުގެ އަގުން ނެގޭ ޓެކްސް ބޮޑުކުރަން ސަރުކާރުން އިއްޔެ ނިންމުމާގުޅިގެން ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް ގިނަ ފައިސާތަކެއް ސަރުކާރުން ހަރަދު ކުރިކަމުގައެވެ. ހާއްސަކޮށް ނިމިދިޔަ މަޖިލީހުގެ ކޮމަންޑޫ ބައި އިލެކްޝަނަށް ބަޖެޓުގައި ނެތް އެތައް ސަތޭކަ މިލިއަން ރުފިޔާ ހަފުސްކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. ކޮމަންޑޫ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް އެމްޑީޕީއިން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާގޮތަށް މާލިއްޔަތު ގާނޫނާ ހިލާފަށް ބޮޑެތި ހޭދަތަކެއް ކޮށްފައެވެ.
ސައީދު ފާހަގަކުރެއްވިގޮތުގައި ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ގޮވާލުމުން 6 ބިލިއަން ރުފިޔާ ޗާޕު ކުރީއެވެ.
”ހަރަދު މަޑުޖައްސަން ބުނުމުން، 6 ބިލިއަން ޗާޕް. ބޭރު ދަތުރުތަކަށް ފުކެއްވެސް ދޫނުދިން. މިލިއަނުން މިލިއަނުން. ހާސްކަމެއް ނެތޭ ކިޔާފަތިފެލަނީ ރައްޔިތުން. ނުވަންޏާ އިސްތިއުފާދީ.“ ސައީދު ވިދާޅުވިއެވެ.
ސައީދުގެ ޓުވީޓަށް ރިޕްލައި ކުރި އެމްޑީޕީގެ އެކްޓިވިސްޓަކު ބުނީ އެގޮތަށް ކަންކަން ނުކުރުމަށް އެޕާޓީއަށް ހެޔޮއެދޭ މީހުން އާދޭސް ކުރިކަމުގައެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތަކުން،ކޮމަންޑޫ އިލެކުޝަނަށް ބަޖެޓުގަނެތް އެތައްސަތޭކަ މިލިއަނެއް ތަޅާދުންކާލި! ޚަރަދުމަޑުޖައްސަންބުނުމުން،6ބ ޗާޕް!ބޭރުދަތުރުތަކަށް ފުކެއްވެސްދޫނުދިން.މިލިއަނުން މިލިއަނުން! ހާސްކަމެއްނެތޭކިޔާފަ ތިފެލަނީރައްޔިތުން.ނުވަންޏާއިސްތިއުފާދީ @ibusolih @iameeru pic.twitter.com/Vh3kFNt9Dq
— Mohamed Saeed (@em_saeed) July 5, 2022
ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ހަރަދުތައް ކުޑަކޮށްފިނަމަ ޓެކެސް ބޮޑުކުރަން ނުޖެހޭނެ ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ދަރަނި ރީސްޓްރަކްޗާ ކުރުމެވެ. ޓެކްސް ބޮޑުކުރަން ނިންމެވީ މަޖިލީހާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށާއި އެމްޑީޕީގެ ރައީސް އަދި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ސަރުކާރުން ޖަހާ ހިސާބު ދިމާނުވާ ކަމަށާއި، އެކަން ބަލައިގަންނަން ދަތިކަމުގައި ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ހެދި ގޯސް ބަލައިގަނެ އަވަހަށް އެމްޑީޕީ އާއި މަޝްވަރާކުރެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި އެކަން ނުކޮށްފިނަމަ މަޖިލީހުން ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށެވެ.