ޕްލޭނިން މިނިސްޓްރީ އާއިއެކު ސޮއި ކުރީ މަގުހެދުމުގެ މުޅިން އައު މަޝްރޫއެއްކަމަށް ވިދާޅުވެ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެއެވެ.
ެައަމީނީ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީ އާއި ހަވާލު ކުރި 84 މިލިއަން ރުފިޔާގެ މަޝްރޫއަކީ ސިޓީ ކައުންސިލުން އެ ކުންފުންޏަށް 39 މިލިއަން ރުފިޔާއަށް ހަވާލު ކުރި މަޝްރޫއެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމާގުޅިގެން މޫކޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުއިއްޒު އިތުރުފުޅު ހެއްދެވި ކަމުގައެވެ. އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއެކު އާރުޑީސީ އިން ސޮއިކޮށްފައި ނުވާކަން މޫކޭ ފާހަގަކުރެއްވިއެވެ.
މޫކޭ ވިދާޅުވިގޮތުގައި އަމީނީ މަގު ހެދުމަށް މިނިސްޓްރީއާ އެކު އާރުޑީސީ އިން ސޮއިކޮށްފައި ވަނީ މުޅިން އާ ޕްރޮޖެކްޓެއްގައެވެ. އެއީ ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މުޅިން އައު ނިޒާމެއް ގާއިމުކޮށް ޖުމްލަ ހައްލެއް އަމީނީ މަގަށް ގެނައުމަށް ސޮއި ކުރި އެއްބަސްވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މޫކޭ މިފަދައިން ވިދާޅުވުމާގުޅިގެން މުއިއްޒު ވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލާއި އާރުޑީސީއާއި ދެމެދު ހެދި އެއްބަސްވުމުގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މަސައްކަތް ކުރުމަށް 4.2 މިލިއަން ރުފިހާ ހިމަނާފައިވާ ކަމުގައެވެ. އަދި އެއީ މުޅި މަޝްރޫއުގެ އަގު ކަމަށްވާ 39 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ މަސައްކަތެއްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
މޭޔަރުގެ މި ރައްދާއެކު މޫކޭ ވިދާޅުވީ އެއީ ސިޓީ ކައުންސިލުން އެދިގެން ފޮނުވި އަގެއް ކަމަށާއި އެކަމާގުޅޭ އެއްބަސްވުމެއް އޮތްނަމަ ހިއްސާ ކުރުމަށެވެ. އެއާއެކު އެކި ފަރާތަކުން ވަނީ އެއްބަސްވުމުގައި ސޮއި ކުރި ދުވަހުގެ ފޮޓޯތައް އާންމުކޮށްފައެވެ. އަދި ”ބޮންތި“ އަށްވެސް ވަނީ މި އެއްބަސްވުމުގައި ކުރަން ނިންމާފައިވާ ކަންކަމުގެ ލިޔުމެއް ލިބިފައެވެ.
އެ ލިޔުމުގައި ވާގޮތުން އެއްބަސްވުމުގައި ސޮއި ކުރެވުނީ 12 މާޗު 2020 ގައެވެ. އަދި މަސައްކަތުގެ އަގު ކަމަށްވާ 39 މިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީއާ ބައްދަލުކުރިކަން އެނގެއެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެކަމަށް މިނިސްޓްރީއިން ބުނެފައިވާކަންވެސް އެ ލިޔުމުން އެނގެއެވެ.
4 ސަފުހާގެ މައްޗަށް ތައްޔާރުކޮށް، އާރުޑީސީއިން ސިޓީ ކައުންސިލަށް ފޮނުވި ކޯޓޭޝަންގެ ކޮޕީއެއްވެސް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެ ކޯޓޭޝަންގައިވާގޮތުން އަގުގެ %15 އާރުޑީސީއަށް ދައްކަން ޖެހެއެވެ. އަދި މަސައްކަތް ނިންމުމަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.
Kalo adhivx salaamai veythoa aneh dhogeh hadhaa. Amilla gayah reveyiruvx thaahiru vaane goiey vx neyngey.