ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ހަރަދުތައް ކުޑަކޮށްފިނަމަ ޓެކެސް ބޮޑުކުރަން ނުޖެހޭނެ ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ސަރުކާރުން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރަން ނިންމާފައިވާކަން މިއަދު ހެނދުނު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާން ކުރެއްވުމާގުޅިގެން އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ދަރަނި ރީސްޓްރަކްޗާ ކުރުމެވެ. ޓެކްސް ބޮޑުކުރަން ނިންމެވީ މަޖިލީހާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށާއި އެމްޑީޕީގެ ރައީސް އަދި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ސަރުކާރުން ޖަހާ ހިސާބު ދިމާނުވާ ކަމަށާއި، އެކަން ބަލައިގަންނަން ދަތިކަމުގައި ނަޝީދު ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ މިކަންކަން ގާތުން ނުބައްލަވާތީ މިހެން މިވަނީ. ރާއްޖެ މިދަނީ ދަރަން.“ ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ހެދި ގޯސް ބަލައިގަނެ އަވަހަށް އެމްޑީޕީ އާއި މަޝްވަރާކުރެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި އެކަން ނުކޮށްފިނަމަ މަޖިލީހުން ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށެވެ.
އެ ހުށަހެޅުން ފާސްކުރަން މަޖިލިސް ހުޅުވުމުން ފޮނުވާނެ ކަމުގައި މާލީ ވަޒީރު އަމީރު މިއަދު ވިދާޅުވިއެވެ.