ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ ރައްޔިތުން ބިކަވެގެންދާނެ ކަމެއް ކަމަށް ޕީޕީއެމްގެ ސެނެޓަރ މާއިލް އަލީ ވިދާޅުވެއްޖެއެވެ.
މާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ދަތި ދަނޑިވަޅެއްގަައި ސަރުކާރަށް ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކޮށްފިނަމަ ކުރިއަށްއޮތް ދުވަސްތަކުގައި ރައްޔިތުންނަށް ބޮޑެތި އުނަދަގޫތަކަކާއި ކުރިމަތިވެ، ރައްޔިތުން ބިކަވެގެން ދާނެކަމަށެވެ.
މާއިލް އިތުރަށް ވިދާޅުވީ ކޮވިޑު-19 ގެ ސަބަބުން ކުރިމަތިވި ދަތިތައް އެންމެހާ ރައްޔިތުންވެސް ތަހަންމަލް ކުރަމުންދާ ކަމަށާއި، ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން މިއަދު ރައްޔިތުން އުޅެންޖެހިފައިވާ ހާލަކީ އެއްވެސް ރައްޔިތަކަށް ކެތް ކުރެވޭނެ ފަދަ ހާލަތެއް ނޫން ކަމަށެވެ.
ހަމަ އެހެންމެ މި ޓްވީޓުގައި މާއިލް ފާހަގަކުރެއްވި ގޮތުގައި ތަކެތީގެ އަގުބޮޑުވި ނަމަވެސް ރައްޔިތުން އަތަށް ލިބޭ މުސާރައަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި މިކަންކަންކަން މިހެން ހުރުމާއެކު ޓެކްސް އިތުރުކުރުމާއި ދޭތެރޭ ސަރުކާރުން އިތުރަށް ވިސްނުމަށް މާއިލް ގޮވައިލެއްވިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.