ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް ބޮޑު އަދަދަކުން ރައްޔިތުންގެ އަތުން ޓެކްސް ނަގަން ނިންމުމަކީ ހައްލެއްނޫންކަމަށާއި، ސަރުކާރުން އެބުނާ އިޤްތިޞާދީ ބޫމް އައިސްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވެއްޖެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، (ޖީއެސްޓީ) ބޮޑު ކުރަން ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވަނީ ޖީއެސްޓީ %6 އިން%8 އިންސައްތަ އަށް ބޮޑު ކުރުމަށާއި، އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑު ކުރުމަށެވެ.
މިކަމާއި ގުޅިގެން ފަޟުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް ރައްޔިތުން އަތުން %8 ޓެކްސްގެ ގޮތުގައި ނެގުމަކީ ހައްލެއްނޫން ކަމަށެވެ.
މިއާއިއެކު އޭނާ ވިދާޅުވީ ތަކެތީގެ އަގު އަރަމުންދާއިރު ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އަދިވެސް އުފުލެމުންދާ ކަމަށާއި، މިހާރު މިއޮތީ ސަރުކާރުން އެބުނާ އިޤްތިޞާދީ ބޫމް އައިސްފައިކަމަށެވެ.
Sarukaaruge haradhu kuda nukoh raiyithun ge athun 8% negumakee halleh nun. Thaketheege agu aramun dhaairu dollaru ge agu black market ga adhives ufuleyne. Mi othee ebunaa igthisaadhee boom aissa…
— Mp Fazul Rashyd (@FaZuLRaShYd) July 5, 2022
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ޖީއެސްޓީ ބޮޑުކުރަނީ ތަކެތީގެ އަގުބޮޑުވުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް ބޮޑުވާތީ އާމްދަނީ އިތުރުކުރުމަށެވެ.
ދިވެހި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ގޯސްވެ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެމުން އަންނަ ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރުމަށް ރައީސް ސޯލިހު އިލްތިމާސްކުރައްވާފައި ވާއިރު، ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާއި ހަމައަށް ދަޢުލަތުގެ ދަރަނި ވަނީ 100 ބިލިއަނަށް އަރާފައެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ އަންނަ އަހަރު ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ މިއަދު ފިނޭންސުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ގުޅޭގޮތުން ދާދިފަހުން ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކުން ވަނީ ކުރިއަށް އޮތް 19 މަސް ތެރޭގައި ރާއްޖޭގައި މުދަލާއި ތަކެތީގެ އަގު އުފުލި ބޭރުގެ ދަރަނި ނުދެއްކި، ޤައުމު ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.