ޚަބަރުސިޔާސީ

މަގު ހެދުމުންވެސް ވައްކަން، ދައުރު ނިމޭނީވެސް ވައްކަމުގައި: ޚާލިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައި މަގު ހެދުމުގެ މަޝްރޫއުންވެސް ވައްކަން ކޮށްފި ކަމަށާއި، އެމަނިކުފާނުގެ ދައުރު ނިމެނޭނީވެސް ވެރިން ވައްކަމުގައި އުޅުއްވަމުން ގެންދަވަނިކޮށް ކަމުގައި ޕީޕީއެމްގެ ސެނެޓަރ ޚާލިދު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ ކުރީގެ ޗެއާމަންކަންވެސް ކުރެއްވި ޚާލިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލު ކުރި މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ނުފޫޒު ފޯރުވާފައިވާ ކަމުގައެވެ. ސީދާ ޕްލޭނިން މިނިސްޓްރީގެ ނަން ބަޔާން ނުކުރެއްވި ނަމަވެސް އޭނާ އިޝާރާތް ކުރެއްވީ އެ މިނިސްޓްރީ އިން ސިޓީ ކައުންސިލްގެ މަސައްކަތުގެ ތެރެއަށް ވަދެފައިވާ މިންވަރެވެ.

އަމީނީ މަގު ހަދަން އާރުޑީސީއިން 39 މިލިއަން ރުފިޔާއަށް ކޯޓޭޝަން ސިޓީ ކައުންސިލަށް ފޮނުވައި، ކައުންސިލުން އެ އަގަށް އެއްބަސްވެ، އެއްބަސްވުމެއް ހެދުމަށް ފަހު ފެށި މަސައްކަތް ޕްލޭނިން މިނިސްޓްރީއިން ހުއްޓުވުމަށްފަހު 84 މިލިއަން ރުފިޔާއަށް އެ މިނިސްޓްރީއިން އަނެއްކާވެސް އާރުޑީސީ އާއި ހަވާލު ކުރި މައްސަލައަށް ޚާލިދު ވަނީ ފާޑުވިދާޅުވެފައެވެ.

އެގޮތުން އޭނާ ވަނީ 39 މިލިއަން ރުފިޔާއަށް ހެދެން އޮތް މަގެއް 84 މިލިއަން ރުފިޔާއަށް އަގު ބަދަލުކޮށް، 45 މިލިއަން ރުފިޔާގެ ވައްކަން ރޯމާ ދުވާލު ހިންގާލާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަހެއް ނުބުނާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

”ރަނގަޅުވާނެ ކަމަށް ބުނި އައު އޭސީސީ އޮތީ ހަނު.“ ޚާލިދު ވިދާޅުވިއެވެ.

އައު އޭސީސީގެ ގޮތުގައި އެ ކޮމިޝަން ޚާލިދު ސިފަކުރެއްވީ މި ސަރުކާރު އައި ފަހުން ކޮމިޝަންގައި ކުރިން ތިއްބެވި މެންބަރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން އެބޭފުޅުން ވަކި ކުރަން އުޅެނިކޮށް އިސްތިއުފާ ދެއްވުމުން ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމަށްފަހު އަލުން މެންބަރުން އައްޔަން ކުރި ކުރުމަށެވެ. މެންބަރުން ބަދަލުވި ފަހުންވެސް ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި އޭސީސީގެ މާބޮޑު ދައުރެއް ނުފެނެއެވެ.

ޚާލިދު ވިދާޅުވީ އެމްޑީޕީގެ ވެެރިކަމެއްގައި ގާނޫނު އޮންނާނީ އަބަދުވެސް އެމީހުންގެ ފައިދަށުގައި ކަމުގައެވެ.

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެެރިކަމުގައި މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް ގެންދެވުނުކަން ފާހަގަކުރައްވައި ޚާލިދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ނިމޭނީ މި ސަރުކާރަށް ރާއްޖޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ނުހެދިގެން އުޅެނިކޮށް ކަމުގައެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރައީސް ސޯލިހުގެ ވެރިކަމުގައި ވައްކަން ހައްދުފަހަނައަޅައި ދިއުމެވެ.

މާލެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތީ ގާނޫނާ ހިލާފަށް ކަމުގައި ސިޓީ ކައުންސިލުން އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރުމަށް ކެބިނެޓުން ނިންމި ކަމަށް ބުނެ އެ މިނިސްޓްރީގެ ސިޓީއެއް މެދުވެރިކޮށް ކައުންސިލަށް އަންގާފައިވާ ކަމުގައެވެ. ސްޓޭޓް މިނިސްޓަރަކު ސޮއި ކުރައްވައި ޕްލޭނިން މިނިސްޓްރީއިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލް އިހުމާލު ވުމެވެ.

މިކަން ތަފްސީލު ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ގާނޫނީ ނިޒާމް އޮންނަ ގޮތުން ޕީއެސްއައިޕީ މަޝްރޫއެއް ކޯޑު ކުރެވޭގޮތް ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުންނަށާއި ކެބިނެޓް ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ ކަމުގައެވެ.

“އެކަހަލަ މަޝްރޫއެއް އެއްތަނުން އަނެއް ތަނަށް ބަދަލު ކުރެވޭނީ އަނބުރާ މަޖިލީހަށް ގޮސްގެން. މަޖިލީހުން ފާސްކޮށްގެން ނޫންގޮތަކަށް އަނބުރާ އެހެން ދިމާލަކަށް ޕްރޮޖެކްޓެއް ބަދަލެއް ނުކުރެވޭނެ. އެއީ ގާނޫނީ ކުށެއް.” މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މާލޭގެ މަގު ހެދުން ސިޓީ ކައުންސިލާއި ލިޔެކިޔުމުން ހަވާލު ކުރީ މާލިއްޔަތު ގާނޫނާއި ލާމަރުލަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައި އޮންނަ ބާރާއި، މަސްއޫލިއްޔަތާއި، އިހުތިސާސްތަކުގެ ތެރެއިންނެވެ. މުއިއްޒު ފާހަގަކުރެއްވިގޮތުގައި އެ މަޝްރޫއު ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކި ކުރިކަން ރައީސް އޮފީހުންވެސް އަންގާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button