ޚަބަރު

އެސްޓީއޯގެ ތެޔޮ ޝިޕްމެންޓުތައް މެނޭޖު ނުކުރެވި މަތިންދާ ބޯޓަށް އަޅާ ޖެޓް ފިއުލް ލިމިޓު ކުރަން ޖެހިއްޖެ

އެސްޓީއޯގެ ތެޔޮ ޝިޕްމެންޓުތައް ރަނގަޅަށް މެނޭޖު ނުކުރެވުމުގެ މަތިންދާ ބޯޓަށް އަޅާ ޖެޓް ފިއުލް ލިމިޓު ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް މަޖުބޫރު ވެއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެއާލައިނެއްގެ އިސް ފަރާތަކުން ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ އެ އެއާލައިނުގެ ބޯޓަކަށް 15 ވަރަކަށް ޓަނު ޖެޓް ފިއުލް އަޅަން އެދުމުން ލިބޭނީ 7 ވަރަކަށް ޓަނު ކަމަށް އެމްއޭސީއެލުން އަންގާފައިވާ ކަމުގައެވެ. އަދި އެކަމުގައި ކުރެވޭނެ ކަމެއް ނެތްކަމަށް ބުނެފައިވެއެވެ.

”މިއީ އެއާލައިންތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ލަންކާ ކޮޅުން ތެލެއް ނުލިބޭ. މާލެ ކޮޅުން މިކުރީ ލިމިޓު. ފްލައިޓްތައް އެހެން ދިމާލަކަށް ޑައިވާޓު ކުރުން ނޫންގޮތެއް ނެތް. ގައިމުވެސް ވައިގެ ބަނދަރަށް ބޮޑު ގެއްލުމެއް ވާނެ.“ އޭނާ ބުންޏެވެ.

އޭނާ ބުނީ ކޮންމެ ބޯޓަކުންވެސް ބޭނުންވާނީ ހަރަދު ފޫބެއްދުމަށާއި ފައިދާ ހޯދުމަށް ކާގޯ ލޯޑާއެއްކޮށް ފުރުމަށް ކަމުގައެވެ.

އެމްއޭސީއެލަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރަނީ އެސްޓީއޯއިން ކަމަށްވާއިރު، އަމިއްލައަށް ތެޔޮ އިމްޕޯޓު ކުރުމުގެ ބާރެެއް އެމްއޭސީއެލަށް ނޯވެއެވެ.

މިކަމާގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވިގޮތުގައި ފްލައިޓްތަކުގެ ޝެޑިއުލް ހުންނަ ގޮތުން އެމްއޭސީއެލަށް ބޭނުންވާ ތެލުގެ ނިސްބަތް ބުނެދޭން ނޭނގެނީއެވެ. އެކަމަކު އެމްއޭސީއެލްގެ ތެލުގެ އޮޕަރޭޝަން ދަންނަ މީހަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމުގައެވެ. މިކަމާގުޅިގެން އަމްރުގެ ބަހެއް ހޯދަން ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

އެމްއޭސީއެލް އަކީ އޭޝިއާ ސަރަހައްދުގައި އެންމެ ރަނގަޅަށް ފްލައިޓް އޮޕަރޭޝަންސް މެނޭޖު ކުރާ އެއް ކުންފުންޏެވެ. އެހެން ނަމަވެސް މިކަމުގެ ސަބަބުން އެމްއޭސީއެލް އަށާއި ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ކުރާނެއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވީ އެގައުމުން ފޮނުވި ޕްރައިވެޓް ޖެޓެއްގައެވެ. އެނގިގައިވާގޮތުގައި އެ ބޯޓަށް 18 ޓަނުގެ ތެޔޮ އަޅާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button