މާލެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތީ ގާނޫނާ ހިލާފަށް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރުމަށް ކެބިނެޓުން ނިންމި ކަމަށް ބުނެ އެ މިނިސްޓްރީގެ ސިޓީއެއް މެދުވެރިކޮށް ކައުންސިލަށް އަންގާފައިވާ ކަމުގައެވެ. ސްޓޭޓް މިނިސްޓަރަކު ސޮއި ކުރައްވައި ޕްލޭނިން މިނިސްޓްރީއިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލް އިހުމާލު ވުމެވެ.
މިކަން ތަފްސީލު ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ގާނޫނީ ނިޒާމް އޮންނަ ގޮތުން ޕީއެސްއައިޕީ މަޝްރޫއެއް ކޯޑު ކުރެވޭގޮތް ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުންނަށާއި ކެބިނެޓް ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ ކަމުގައެވެ.
”އެކަހަލަ މަޝްރޫއެއް އެއްތަނުން އަނެއް ތަނަށް ބަދަލު ކުރެވޭނީ އަނބުރާ މަޖިލީހަށް ގޮސްގެން. މަޖިލީހުން ފާސްކޮށްގެން ނޫންގޮތަކަށް އަނބުރާ އެހެން ދިމާލަކަށް ޕްރޮޖެކްޓެއް ބަދަލެއް ނުކުރެވޭނެ. އެއީ ގާނޫނީ ކުށެއް.“ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި މާލޭގެ މަގު ހެދުން ސިޓީ ކައުންސިލާއި ލިޔެކިޔުމުން ހަވާލު ކުރީ މާލިއްޔަތު ގާނޫނާއި ލާމަރުލަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައި އޮންނަ ބާރާއި، މަސްއޫލިއްޔަތާއި، އިހުތިސާސްތަކުގެ ތެރެއިންނެވެ. މުއިއްޒު ފާހަގަކުރެއްވިގޮތުގައި އެ މަޝްރޫއު ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކި ކުރިކަން ރައީސް އޮފީހުންވެސް އަންގާފައެއް ނުވެއެވެ.
”މި ޕްރޮޖެކްޓު އެހެން އޮފީހަކަށް އަދި މިނިސްޓްރީއަކަށް ބަދަލު ކުރިކަން މަޖިލީހުންވެސް ފާސް ނުކުރޭ. އަޅުގަނޑުމެނާ އާރުޑީސީ އާއި ދެމެދު އެގްރިމެންޓެއް ހަދައި ފައިސާތަކެއް ހަރަދުކޮށްގެން މަސައްކަތް އޮތީ ފެށިފަ.“ މުއިއްޒު ވިދާޅުވިއެވެ.
އާރުޑީސީ އާއިއެކު ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ދެން ހަދަންވީ ކިހިނެއްތޯ ސުވާލު ކުރައްވައި މުއިއްޒު ވިދާޅުވީ އެ އެއްބަސްވުން އުވާލާނަމަ، އަމަލު ކުރަންޖެހޭ ކަންކަން އެއްބަސްވުމުގައި ބަޔާންކޮށްފައި ހުރި ކަމުގައެވެ.
”ޕްލޭނިން މިނިސްޓްރީ އަކީ މި އެއްބަސްވުން ދަންނަވެސް ބައެއް ނޫން. ދެން ކޮން އުސޫލަކުންތޯ ސިޓީއެއް ފޮނުވޭނީ އެއްބަސްވުމާ ގުޅޭގޮތުން. މާލިއްޔަތު ގާނޫނާއި، ލާމަރުކަޒީ ގާނޫނާއި ކޮންޓްރެކްޓަރ ގާނޫނުވެސް ފުނޑާލައިފި.“ މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އޮންނަ އުސޫލުން ޕީއެސްއައިޕީ މަޝްރޫއު އަތުލަން ވީ ކަމަށާއި އެކަމަކު ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.
ޕްލޭނިން މިނިސްޓްރީއަށް 45 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތެއް
މޭޔަރު ވަނީ އަމީނީ މަގު ހެދުމަށް އާރުޑީސީ އާއިއެކު ވެފައިވާ އެއްބަސްވުމުގެ ބައެއް ތަފްސީލުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން 1.7 ކިލޯމީޓަރު ހުންނަ އަމީނީ މަގު ހެދުމަށް އެ ކުންފުންޏާއެކު އެއްބަސްވީ 39 މިލިއަން ރުފިޔާއަށް ކަމަށާއި، އެއީ އެ ކުންފުނިން ފައިދާ ލުމަށްފަހު އެކުންފުނިން އަގު ފޮނުވައި، އެއްބަސް ވެވުނު އަގެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު ހަމަ އެމަގު ހެދުމަށް އާރުޑީސީ އަށް 84 މިލިއަން ރުފިޔާ ދިނުމަށް ޕްލޭނިން މިނިސްޓްރީ އިން ނިންމައި އާރުޑީސީއިން އެކަން އިއުލާން ކުރިކަން މޭޔަރު ހާމަކުރެއްވިއެވެ.
”ބުނި ނަމަ މައްސަލައެއް ނެތް ސިޓީ ކައުންސިލަށްވުރެ އަގު ހެޔޮ ކުރަންވެގެންނޭ މިހެން ހެދީ. އެކަމަކު އެހެނެއް ނޫނެއް ނޫންތޯ މިވީ. 39 ގުނަ 2 ހެދީމަ ވާ ވަރަށްވުރެވެސް ބޮޑު އަގެއްގައި ޕްލޭނިން މިނިސްޓްރީއިން އެކަން ކުރަން ނިންމީ.“ މުއިއްޒު ވިދާޅުވިއެވެ.
އިތުރު 45 މިލިއަން ރުފިޔާ ހިމަނައިގެން މި މަޝްރޫއު ކުރިޔަށް ގެންދިޔުމަކީ ސީދާ ކޮރަޕްޝަންގެ އަމަލެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ.
”ދެން އިންފެލޭޝަނޭ އަނެކައްޗެކޭ ކިޔާފާނެ. ވަރަށް ބޮޑު ފައިދާއެއް ލައިގެން 39 މިލިއަނަށް މަސައްކަތް ކުރެވެން އޮތް. ހަމަ އެއް ބަޔަކަށް މިދިނީ.“ މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ ކޮރަޕްޝަނަށް 45 މިލިއަން ރުފިޔާ ނެގުމަށްފަހު ހުރިހާ ގާނޫނެއް މުގުރާލި މައްސަލައިގައި ސިޓީ ކައުންސިލުން އަމަލު ކުރާނެ ގޮތް ކުރިޔަށް ހުރި އެ ކައުންސިލުގެ ބައްދަލުވުންތަކުގައި ނިންމައި ލާމަރުކަޒީ ގާނޫނުގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމުގައެވެ.