ޚަބަރު

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސޯލިހުގެ ދެކަނބަލުން ފުރާވަޑައިގެންފި

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.

ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސަޢޫދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. ބާކީ 100 ކޯޓާއަށް އާންމުކޮށް ވަނީ ހުޅުވާލައިފައެވެ.

ސައޫދީ އަރަބިއްޔާއިން ނިންމާފައިވަނީ 1 މިލިއަން މީހުންނަށް ހައްޖުވުމަށް ފުރުސަތު ދިނުމަށެވެ. އަދި އެއިން 85 އިންސައްތައަކީ ސަޢޫދީ ޢަރަބިއްޔާއިން ބޭރުން އެ ގައުމުން ހައްޖަށް ދާ މީހުން ކަމަށްވެސް ސަޢުދީ ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

އާންމުކޮށް ދިވެހިރާއްޖެއަށް ކޮންމެ އަހަރަކުވެސް 1،000 ހައްޖު ކޯޓާ ސައުދީ ަަރަބިއްޔާއިން ދެއެވެ. އަދި ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވުމުގެ ސަބަބުން އިތުރު 1،000 ކޯޓާއާއެކު ޖުމްލަ 2،000 ކޯޓާ އެ ޤައުމުން ދިވެހިރާއްޖެއަށް ދިނެވެ.

ކަލަންޑަރުން ދައްކާގޮތުން މި އަހަރު ހައްޖު ދުވަހަކީ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button