ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމެއްގައި ގާނޫނުގެ ދިގު އަތް ގައްދާރުންނާއި އަރާ ހަމަކުރާނެ ކަމަށް ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް ވިދާޅުވެއްޖެއެވެ.
ނަބީލް މިފަދައިން ވިދާޅުވީ ޔޯގާ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ގޮވާލުމާއެކު، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖުތަކުގެ ތެރެއިން ބޭއްވުނު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަބީލް ވިދާޅުވީ މިއަދު ރާއްޖޭގެ މިނިވަން މުއައްސާތަކުގެ ތެރެއިން އެއްވެސް މުއައްސަސާއަކީ ހަގީގީ މިނިވަންކަމެއް އޮވެގެން ހިނގާ މުއައްސަސާތަކެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތާ ސީދާ ގޮތުން ގުޅުންހުރި ބޮޑެތި މައްސަލަތައް އެތައް ގުނައެއް އިތުރުވެފައިވާއިރު، އެކަންކަން ބެލޭނެ އެއްވެސް އިދާރާއެއް ނެތް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ސަރުކާރަކީ މަސްދުވާތަކެތީގެ “ކާޓެލް” އެއް ކަމަށް ސިފަކުރައްވައި ނަބީލް ވިދާޅުވީ، ގައުމުގައި މަސްތުވާތަކެތި އާންމުވެ، ޒުވާނުން މަގުއޮޅި ބިކަވެފައިވާއިރު ސަރުކާރު ވަނީ އިންޑިއާ ކުރިމަތީގައި ކުޑަކަކޫ ޖަހާފައި ކަމަށެވެ. އަދި ފާހިޝް އަމަލުތައްކޮށް ބޮޑެތި މުންކަރާތްތަކަށް އަރައިގަންނަ މީހުން ދޫކޮށް، އިންޑިއާގެ ނުފޫޒުން އެކަންކަން ހުއްޓުވަން މަސައްކަތްކުރާ މީހުން ހައްޔަރުކޮށް އަނިޔާކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ނަބީލްގެ ވާހަކަފުޅުގައި ވަނީ ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރ މުޙަންމަދު އިސްމާއިލް ދޫކޮށްލުމަށް ގޮވާލާފައެވެ.
ނަބީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި 2023 ވަނަ އަހަރުގެ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކުރެވިއްޖެ ކަމަށް ވާނަމަ، މިއަދު ގައުމަށް ދިމާވެފައިވާ ބޮޑެތި ހުރިހާ މައްސަލަތަކެއް އެމަނިކުފާނު ހައްލު ކޮށްދެއްވާނެއެވެ. އަދި ގާނޫނުގެ ދިގު އަތް ޣައްދާރުންނާއި އަރާ ހަމަކުރާނެ ކަމަށް ވިދާޅުވިއެވެ.
ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ހައްޔަރީން މިނިވަންކުރުމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކޮންމެރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖުތަކަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ.
ޕީޕީއެމުން މި އެއްވުން ބާއްވާ ކޮންމެ ރެއަކު ފުލުހުން އެޕާޓީގެ އޮފީސް ހުންނަ ސަރަހައްދު އެއްކޮށް ބެރިކޭޑު ޖަހައި ބަންދުކޮށްލައެވެ.