ދިވެހި ރުފިޔާގެ ނިޝާން، އިންޑިއާ ރުޕީސްގެ ނިޝާނުގެ ނަކަލެއް؟

އިއްޔެގެ ވަގުތެއްގައި އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ދިވެހި ފައިސާގެ ރަސްމީ ނިޝާން ތައާރަފް ކޮށްފައެވެ. ދެފައިކަށި ހިމެނޭ “ރ” އެއްގެ ބައްޓަމަށް އިންނަ މި ނިޝާނަކީ ދިވެހި ރުފިޔާގެ ނިޝާނެއްގެ ގޮތުގައި ކަނޑައެޅުނު އެންމެ ފުރަތަމަ ނިޝާނެވެ.
އެހެން ނަމަވެސް މީސް މީޑިއާގައި މިނިޝާން އާންމުވުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އެމްއެމްއޭއަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދާގޮތުގައި މި ނިޝާނަކީ އިންޑިއާގެ ރުޕީސްގެ ނިޝާނުގެ ނަކަލެކެވެ.
އިންޑިއާ ރުޕީސްގެ ނިޝާނަކީ އެގައުމުން 2010 ވަނަ އަހަރު ތައާފްކުރި ނިޝާނެކެވެ. މި ނިޝާން އެކުލެވިގެންވަނީ ބަޅު ވަޅިއެއް ފަދައިން އިންނަ ރޮނގަކާއި، އެރޮނގުގެ މަތީ ކައިރިއަށް މެދަށް ވާހެން އަދި އެއަށްވުރެ ތިރިން، ހުރަހަށް އިންނަ ރޮގަކުންނެވެ. ބަޅު ވަޅިއެއްގެ ބައްޓަމަށް އިންނަ ރޮނގަކީ އިންޑިއާގެ “ދެވަނަގިރި” އަކުރުތަކުގެ “ރާ” އަކުރު ރަމްޒުކޮށްދޭ ނިޝާނެކެވެ. އަދި މިރޮނގުގެ މަތީ ކައިރީގައި ހުރަހަށް ވާ ދެރޮނގު ރަމްޒު ކޮށްދެނީ ހަމަހަމަކަމާއި، އިންޑިއާގެ ދިދައިގައިވާ 3 ކުލަފަށެވެ.
މި ނިޝާނާއި ދިވެހި ރުފިޔާގެ ނިޝާނާއި އަޅާކިޔާއިރު، އެއްގޮތް އެތައް ކަމެއް އެބަހުއްޓެވެ. އެގޮތުން، ދެނިޝާނުގައިވެސް ހުރި ރޮނގުތައް ހަމަހަވާއިރު، ތަފާތުވަނީ މެދަށް އިން ރޮނގެވެ. ދިވެހި ރުފިޔާގެ ނިޝާނުގެ މެދު ރޮނގު ތެދެވެ. އެހެން ނަމަވެސް މެދުރޮނގުގެ މަތީ ކައިރީގައި އިން ދެރޮނގު އިންޑިއާ ރުޕީސްގެ ނިޝާނުގައި އިން ރޮނގާ އެއްފަދައެވެ.
ދެ ނިޝާނަށް ބަލާއިރު ފާހަގަކުރެވޭ އަނެއް ކަމަކީ އިންޑިއާ ރުޕީސްގެ ނިޝާން އިނީ ސީދާ ތެދަށެވެ. އެހެން ނަމަވެސް ދިވެހި ރުފިޔާގެ ނިޝާން ވަނީ “ރ” އާކާއި އެއްފަދައިން ކަށްޗަށެޗެ.
ދެނިޝާނުގައި މިފަދަ ބޮޑު އެއްގޮތްކަމެއް ހުރި އިރު، މި ނިޝާން ހިޔާރުކުރުމުގައި ބަލާފައިވާ އެއްވެސް ކަމެއް އެމްއެމްއޭއަކުން ފާހަގައެއް ނުކުރެއެވެ. އަދި “ރ” އެއްގެ ބައްޓަމަށް އިނުން ފިޔަވައި މި ނިޝާނުން ދިވެހިވަންތަކަން ފެންނަ އިތުރު އެއްވެސް ކަމެއް ނެތް އިރު، ހުށައެޅުނު އެހެން ނިޝާންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ނިޝާންތަކެއްވެސް ދައްކާލާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އެމްއެމްއޭއަށް އަމާޒުވެފައިވާއިރު، އަދި މިހާތަނަށް އެ އިދާރާއިން މިކަމަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.