ޚަބަރުސިޔާސީ

ރައްޒާން އަކީ ފުލުހުން ދައްކާ ބިރަށް ސިހޭނެ ޒުވާނެއްނޫން: ޝިޔާމް

ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާޙިމް ރައްޒާން އަކީ ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ދައްކާ ބިރަސް ސިހޭނެ ޒުވާނެއް ނޫންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރ އަދި ޔޫތް މިނިސްޓްރީއިން ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ޑޭ ޙަރަކާތް ހުއްޓުވާލުމަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުން ރާވާ ހިންގުމުގެ ތުހުމަތުގައި އިބްރާހިމް ރައްޒާން ހައްޔަރުކުރުމަށްފަހު، ރައްޒާންއާއިމެދު ފުލުހުން ޢަމަލުކުރަނީ އާދަޔާ ޚިލާފަށް އިހާނާތްތެރިކޮށް ކަމަށް ރައްޒާންގެ ވަކީލް އުސްތާޛް އާދަމް އާސިފް ވިދާޅުވަނީ ވިދާޅުވެފައެވެ.
މިކަމަށް ޢިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ރައްޒާން އަކީ ފުލުހުންގެ ޣައިރު ޤާނޫނީ އަމުރުތަކަށް ސިހޭނެ ޒުވާނެެއް ނޫންކަމަށާއި، އޭނާއަކީ އެއަށްވުރެ ވަޠަންދެކެ ލޯބިވާ ޢަޒުމު ވަރުގަދަ ނޫކަށިފުރާގެ ފިސާރި ކެރޭ ޒުވާނެއްކަމަށެވެ.

އިބްރާޙިމް ރައްޒާންގެ ލޯޔަރު އުސްތާޛު އާސިފް ވިދާޅުވީ، ރައްޒާންގެ މައްސަލައަށް އެކި ފަރާތްތަކުން ނުފޫޒުފޯރުވަމުންދާ ކަމަށާއި، ރައްޒާންއަށް ނަފްސާނީ ގޮތުން ގެއްލުންވާގޮތަށް ޢަމަލު ކުރަމުންދާކަމަށެވެ.

އެގޮތުން ރޭގެ ވަގުތެއްގައި ރައްޒާން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އުސްތާޒް އާސިފް ވިދާޅުވީ، 2 ވަނަ ފަހަރަށް ރައްޒާނާ ސުވާލުކުރުމަށް ފުލުހަށް ހާޒިރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، ރޭވެސް ފުލުހުން ތަކުރާރުކޮށް ކުރަމުން ގެންދިޔައީ މީގެ ކުރިންވެސް ކޮށްފައިވާ ސުވާލުތައް ކަމަށެވެ. ހަމަ އެހެންމެ ރައްޒާން އެސުވާލުތަކަށް ދެއްވީވެސް ކުރިން ދެއްވި ޖަވާބުތައް ކަމަށް ވިދާޅުވިއެވެ.

ޔޯގާ ޑޭ ޙަރަކާތް ހުއްޓުވާލުމަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުން ރާވާ ހިންގުމުގެ ތުހުމަތުގައި ރައްޒާން ހައްޔަރުކޮށް 5 ދުވަހު ބަންދުގައި ބޭއްވުމަށް ފަހު މިނިވަންކޮށްފައިވަނީ ފުލުހުންގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް ޝަރުތުކުރުމަށް ފަހުގައެވެ.

އެއަށްފަހު ފުލުހުން ވަނީ އިއްޔެރެއާއި ލައިގެން 2 ފަހަރެއްގެ މަތިން ރައްޒާން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button