ޚަބަރު

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އިޚުތިޞާޞު ކޯޓަށް ލިބިފައެއް ނުވޭ: ދަ ޑިމޮކްރެޓްސް

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އަސްލީ އިޚުތިޞާޞު އެކޯޓަށް ލިބިފައިނުވާކަމަށް ”ދަ ޑިމޮކްރެޓްސް“ ޕާޓީން ބުނެފިއެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެކަން ކުރިއަށް ގެންދިއުމަށް އޮތް ހައްލެއް ހޯދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވިފައި ނުވަނީ، މަޖިލީހުގެ ނާއިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާއަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވެން ނެތް ހާލަތު މެދުވެރިވުމާ ގުޅިގެން އެމްޑީޕީއާއި މަޖިލީހުގެ އިދާރާއާމެދު މަޖިލީހުގެ ޤަވާއިދު މާނަކުރުމުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިގެންނެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ މަޖިލީހުގެ ނާއިބުރައީސް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ދެން އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައި ނެތުމުން ކަމަށް ވެއެވެ.

މަޖިލީހުގެ އިދާރާއިން އެކަމަށް ރައްދު ދެއްވާ ބުނެފައިވަނީ މަޖިލީހުގެ ނައިބުރައީސް ނޫން ބޭފުޅަކަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހިންގާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީން ދެކެނީ ޤަވާއިދުގައި ބަޔާންކުރާ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރަކަށް އެހެނިހެން ޖަލްސާތަކޭ އެއްގޮތަށް އެ ޖަލްސާގެ ރިޔާސަތުވެސް ބެލެހެއްޓޭނެ ކަމަށެވެ.

ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ވަނީ ޤާނޫނުގައި ކަމެއް އޮތް ގޮތަކާމެދު ޚިޔާލުތަފާތުވުމެއް އުފެދޭ ހާލަތުގައި އެކަންކަމާމެދު ޤާނޫނީ ގޮތުން ލަފައެއް ހޯދުމަށް އަމަލުކުރަންޖެހޭ އިޖުރާއާތުތައް ބަޔާންކޮށްފައިވާއިރު، މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެފަދަ މައްސަލައެއް ހުށަހެޅުމުގެ އިޖުރާއާތުގެ ތެރެއިން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށް ދަ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު ޢަބްދުﷲ ޝާއިރު ވިދާޅުވިއެވެ.

މައްސަލައާމެދު ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ޙަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓަވާ ގޮތަށް ޤަވާއިދުގައި އޮންނަނީ އެ މައްސަލައިގެ ޚުތޫރަތްތެރިކަމުގެ ބޮޑުކަމުން ކަމަށެވެ.

ޙަސަން ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އާންމު އިޖުރާއާތުތަކުގެ ތެރެއިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ފަސް ބޭފުޅުންނަކީ މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސަށް ލިބޭ ހުރިހާ ބާރުތައް ލިބިވަޑައިގަންނަވާ ބޭފުޅުންނެއް ނޫނެވެ. އެ ބާރުތައް ލިބިވަޑައިގަންނަވާ ހަމައެކަނި ބޭފުޅަކީ މަޖިލީހުގެ ނައިބުރައީސް ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރިޔާސަތުގައި، ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ.އިބްރާހީމް މުހައްމަދުގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button