ވަޒީރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖޭން ބޭރުގައި ގިނަ ދުވަސް ހޭދަކުރައްވާ ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވީޑިއޯ މެސެޖަކުން ދިވެހިރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ކަމުގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ވަމުންދާތީ އެކަމާއި ގުޅިގެން ޓްވިޓާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ރަައްޔިތުން ތަޙައްމަލް ކުރަމުންދާ ހިތްދަތިކަމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
”ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރުމާ ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށާއި މުދަލަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ރައްޔިތުން ތަޙައްމަލް ކުރާހިތްދަތިކަމުގައި ބައިވެރިވަން.“ ޝާހިދު ވިދާޅުވިއެވެ.
ދިވެހިންނަށް ރައްކާތެރިކަން ދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރަމުން ދާއިރު މިހާތަނަށް އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑޫ ސިޓީއަށެވެ.
އައްޑޫ ސިޓީގެ އިތުރުން ގއ، ގދ، އަދި ލ އަތޮޅު ގެ ރަށްތައް ހިމެނޭހެން 300 ވަރަކަށް ގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް މޫސުމާއި ބެހޭޤައުމީ އިދާރާއިން ވަނީ ބުނެފައިވެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
Shukuriyya