ޚަބަރު

އިންޑިއާއިން ޝާހިދު ވެރިކަމަށް ގެންނަން ބޭނުންވަނީ ގައުމު ވިއްކާލަން: ޒަމީލް

ފޮރިން މިނިސްޓަރ ޝާހިދު ވެރިކަމަށް ގެންނަން މަސައްކަތް ކުރަނީ އިންޑިއާއިން ކަމަށާއި، މަގްސަދަކީ ގައުމު ވިއްކާލުން ކަމުގައި ޕީއެންސީގެ ކައުންސިލް މެންބަރު އިބްރާހިމް ޒަމީލް (ޒަމްޕެ) ވިދާޅުވެއްޖެއެވެ.

ޒަމްޕެ މިފަދައިން ވިދާޅުވީ ޔޯގާ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖުތަކުގެ ތެރެއިން، ރޭ ބޭއްވުނު އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަމްޕެ ވިދާޅުވީ ސަރުކާރުގެ އިސްބޭފުޅުންގެ ތެރެއިން އިންޑިއާގެ ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮތީ ފޮރިން މިނިސްޓަރ ޝަހިދު އާއި ކަމަށެވެ. އަދި އިންޑިއާއާއި މިނިސްޓަރ ޝާހިދުއާއި ހެދިފައި އޮތް އެއް ޑިލަކީ ދެން އަންނަ ދައުރެއްގައި ޝާހިދު ވެރިކަމަށް ގެނައުން ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެންބަރުން ތިބި ގޮތަށް ތިއްބައި، އެމްޑީޕީގެ 3 ވަނަ ޗޮއިސް އަކީ މިނިސްޓަރ ޝާހިދުކަމަށް ރައީސް ނަޝީދު ވިދާޅުވީވެސް މިސަބަބަށްޓަކައި ކަމުގައި ޒަމީލް ވިދާޅުވިއެވެ.

ޒަމީލް އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެނޫންގޮތެއް ނެތިގެން ކަމަށާއި، އެމްޑީޕީއަކީވެސް ވަކިބައެއްގެ ޕާޓީއެއް ނޫން ކަމަށާއި، އެއީ އެމްޑީޕީ އުފެއްދި ރައްޔިތުންގެ ޕާޓީއެއް ކަމުގައެވެ.

މީގެ އިތުރުން ޒަމީލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން މިއަދު އިސްލާމް ދީނާއި ދެކޮޅަށް ކުރަމުންދާ ކަންކަމަކީ އައު ކަންކަމެއް ނޫންކަމުގައެވެ. 2008 ގައިވެސް މިއަދު ފެންނަމުންދާ ކަންކަން ފެނުނު ކަމަށާއި، އެދުވަހުގެ ރައްޔިތުން ނުކުތްހެން މިއަދުވެސް ނުކުންނާނެ ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ ޔޯގާ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފަރާތްތަކަކީ މައުސޫމު ބައެއް ކަމަށް ވިދާޅުވެ، އެމީހުން ވަގުތުން ވަގުތަށް މިނިވަންކުރުމަށް ޒަމީލް ވަނީ ގޮވާލާފައެވެ.

ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ހައްޔަރީން މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކޮންމެރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖުތަކަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ.

ޕީޕީއެމުން މި އެއްވުން ބާއްވާ ކޮންމެ ރެއަކު ފުލުހުން އެޕާޓީގެ އޮފީސް ހުންނަ ސަރަހައްދު އެއްކޮށް ބެރިކޭޑު ޖަހައި ބަންދުކޮށްލައެވެ.

3 Comments

Leave a Reply to Halaaku Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button