ޚަބަރު

ޝެއިހް އިމްރާން ވަނީ ބޮޑު އިމްތިހާނަކުން ފެއިލް ވެފައި: ހުސައިން ޝަރީފް

ހޯމް މިނިސްޓަރ އިމްރާން ވަނީ ބޮޑު އިމްތިހާނަކުން ފެއިލްވެފައި ކަމަށާއި، ދީނީ އިލްމު ދަނެހުރެ، މިނިސްޓަރ އަމަލުކުރަމުންދާ ގޮތަށް އަމަލުކުރުމަކީ ލަފުވެތިކަމެއް ކަމަށް ޕީޕީއެމް ހުޅުމާލެ ސްޓިއަރިންގް ކޮމިޓީގެ ރައީސް އަލްއުސްތާޒް ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ހުސައިން މިފަދައިން ވިދާޅުވީ ޔޯގާ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ޕީޕީއެމް ޕީއެންސީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖުތަކުގެ ތެރެއިން، ރޭ ބޭއްވުނު އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ހުސައިން ވިދާޅުވީ މިނިސްޓަރ އިމްރާން މަގާމަށް އިންތިހާއަށް ދަހިވެތިވެފައި ވާކަމަށާއި، މިއީ މީން ދުވަހަކު ދާޙިލީ ވަޒީރެއްގެ އަމަލުތައް ހުރިގޮތް ނޫންކަމަށެވެ. އަދި މިނިސްޓަރ އަކީ އިސްލާމީ ތައުލީމު ލިބިފައިވާ، ދީނުގެ މަގާސިދުތައް ފުރިހަމައަށް ދަންނަ ބޭފުޅަކަށް ވުމުން، މިއަދު މިދިމާވާ ކަންކަމުގެ ސަބަބުން އެމަނިކުފާނަށް ރައްދުވާ މަލާމާތް ބޮޑުވާނެ ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ބޮޑު އިމްތިހާނަކުން ފެއިލްވެފައި ކަމަށާއި، މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި، މީހެން ބޮލުގައި އެޅުވި ދޮގު ތުހުމަތު މިއަދު ހާމަވެއްޖެކަމަށް އުސްތާޒް ވިދާޅުވިއެވެ. އަދި އަވައްޓެރި އިންޑިއާއަށް ނިސްބަތްކޮށް ވިދާޅުވީ އިންޑިއާއިން މިގައުމުގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށާއި، މިގައުމުގައި މިނިވަންކަމާއެކު އަޑުއުފުލުމުގެ ހައްގު މުޅިން ނިގުޅައިގަނެއްޖެކަމަށެވެ.

ހަމަ އެހެންމެ ގާނޫނަކުން ކިތަންމެ ވަރަކަށް ދޫ ބަންދުކުރަން އުޅުނަސް އެކަން ނުކުރެވޭނެ ކަމަށާއި، ދިވެހި ރައްޔިތުން އެކަން ކުރަން ފުރުސަތު ނުދޭނެ ކަމަށާއި، އެހިސާބަށް ކަންކަން ދަންދެން މަޑުން ނުތިބޭނެކަމަށް ހުސައިން ވިދާޅުވިއެވެ.

ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ހައްޔަރީން މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކޮންމެރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖުތަކަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ.

ޕީޕީއެމުން މި އެއްވުން ބާއްވާ ކޮންމެ ރެއަކު ފުލުހުން އެޕާޓީގެ އޮފީސް ހުންނަ ސަރަހައްދު އެއްކޮށް ބެރިކޭޑު ޖަހައި ބަންދުކޮށްލައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button