ޚަބަރު

އަނެއްކާވެސް އޯލެވެލް ޕޭޕަރު ލީކުވެއްޖެ!

މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނުގެ ދިވެހި މާއްދާގެ ސުވާލު ކަރުދާސް ލީކުވެއްޖެކަން ހާމަވެއްޖެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބޮންތިއަށް މައުލޫމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފަކު ބުނިގޮތުގައި ލީކުވެފައިވަނީ މިމަހު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ދިވެހި އިމްތިހާނު ކަރުދާހެވެ. މި ކަރުދާސް ލީކުވެފައިވަނީ މިމަހުގެ 2 އަދި 3 ވަނަ ދުވަހު ބޭއްވި އިސްލާމް މާއްދާގެ އިމްތިހާނު ކަރުދާހުގެ ކަވަރު ޕޭޖުގައި އޮތް ދިވެހި ޕޭޕަރެއް ތާޖުއްދީން ސުކޫލުގެ ދަރިވަރަކަށް ދެވުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އޯލެވެލް އިމްތިހާނު އޯވަސީ ކުރައްވާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހަންމަދު އިހުސާން ވަނީ މިއަދު 8:30 ގައި އަލުން ދިވެހި މާއްދާގެ އެހެން ކަރުދާހެއް ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް ފޮނުވައި، ސުކޫލުތަކުގައި އެކަރުދާސް ޕްރިންޓުކުރުވާފައެވެ.

އޭލެވެލް އަދި އޯލެވެލްގެ އިމްތިހާނު ކަރުދާހަކީ އެޑިއުކޭޝަން މިނިސްޓްރީއިން ޕްރިންޓުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ސުކޫލުތަކާ ހަވާލުކުރާ ކަރުދާސްތަކެކެވެ. އަދި އެކަރުދާސްތައް ބަހައްޓާ ސެކިއުރިޓީ ކޮޓަރިއަށް ވަދުމުގެ ހުއްދަ އޮންނީ އިންވިޖިލޭޓަރުންގެ ކޯޑިނޭޓަރަށާއި، ޑެޕިއުޓީ އިންވިޖިލޭޓަރަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވެދިޔަ އަހަރުވެސް ވަނީ އޯލެވެލް އިމްތިހާނުގެ ކަރުދާހެއް ލީކުވެފައެވެ. މިހާދިސާވެސް ހިނގާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހަންމަދު އިހުސާންގެ ބެލުމުގެ ދަށުންނެވެ. ޑެޕިއުޓީ މިނިސްޓަރ އިހުސާނަކީ ޑިޕްލޮމާ ފެންވަރަށްވެސް ކިޔަވާފައި ނެތް ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button