ޚަބަރު

ފާހިޝް އަމަލުތައް ހިންގުމަށް ހިތްވަރުދީ އެކަން މަނާ ނުކުރާ މީހުންނަށް ﷲ ގެ ކޯފާއެއް އައުމަކީ ދުރުގައިވާކަމެއް ނޫން: ޚުތުބާ

ފާހިޝް އަމަލުތައް ހިންގުމަށް ހިތްވަރުދީ އެކަން މަނާކުރުމަށް މަސައްކަތް ނުކުރާ މީހުންނަށް މާތް ﷲ ގެ ކޯފާއެއް އައުމަކީ ދުރުގައިވާކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ފާހިޝް އަމަލުތަކާއި ދުރުވާށެވެ.“ މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ މާތް ﷲ ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަނަމަ މުޖުތަމައުގައި ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެ ކަމަށެވެ. އިންސާނަކަށްވީތީ އޭނާގެ ކިބައިގައި ލައްވާފައި ޖިންސީ އެދުންތައް ހިމެނޭ ކަމަށާއި އެކަމަށް އިޖާބަދޭނެ ޝަރުއީ މިންގަނޑުތައް މާތް ﷲ ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން އެއީ ޝަރުއީ ކައިވެނި ކަމަށާއި އެއީ ސައްހަ އަދި ރައްކާތެރި ގޮތުގައި ޖިންސީ އެދުންތައް ހާސިލް ކުރުމަށް ލައްވާފައިވާ މަގު ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މިއަދުގެ ޚުތުބާގައި ބުނީ ދުނިޔޭގައި ފެތުރެމުންދާ ބަލިތަކާއި ވަބާތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން އުފެދޭ ބަލިތައްކަމަށެވެ. އަދި ފާހިޝް އަމަލުތައް ފަތުރަން ލޯބިކުރާ މީހުނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުރިކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

”އެފަދަ ބައެއް ބަލިތަކަށް ބޭސްކުރިއަސް ޝިފާ ލިބުން ލަސްވެއެވެ. ގުނަވަންތައް ފޭލްވެއެވެ. އެންމެ ފަހުން މަރާ ކުރިމަތިލާން ޖެހެއެވެ. މިއީ މިޒަމާނުގެ ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ހަގީގަތެކެވެ.“ ޚުތުބާގައި ބުންޏެވެ.

ހަމައެއާއެކު އިންސާނަކަށް ވީތީ އޭނާގެ ކިބައިގައި ލައްވާފައިވާ ޖިންސީ ޣަރީޒާއަށް ޝަރުއީ މިންގަނޑުގެ ތެރެއިން އިޖާބަ ދިނުމަށް މިއަދުގެ ޚުތުބާގައި ގޮވާލާފައިވެއެވެ. އެގޮތުން އެ ޝަރުއީ ހަމައަކީ ކައިވެނި ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ.

ހިނދުކޮޅެއްގެ އުފަލާއި އަރާމަށްޓަކައި މައުސޫމު އަންހެނުންނާއި ފިރިހެނުން ދުނިޔޭގެ ދަހިވެތިކަމާއި ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސާ، މަކަރާއި ހީލަތުން ފާހިޝް އަމަލުތަކަށް އަރައިގަތުމަށް އެމީހުންނަށް މަޖުބޫރުކޮށް ދެ ދުނިޔޭގެ ބާއްޖަވެރިކަމުން މަހްރޫމް ނުކުރުމަށް ވެސް ޚުތުބާގައި ބުންޏެވެ. ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާމެދު ވިސްނާއިރު އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތަކެވެ. މިފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ އެމީހުން އަމިއްލައަށް ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދު ޒުވާނުންގެ މެދުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އާދަ ފެތުރެމުންދާ ވާހަކައަކީ ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް ކަމަށާއި ފިތުރަތާ ޚިލާފު ހުތުރުކަން ބޮޑު، މި ހަޑިމުޑުދާރު އަމަލުތަކަށް އަރައިގަތުމުގެ ނުބައި ސުންޕާ ބަލި މުޖުތަމައުގައި ވަކި ހިއްޕަމުންދާ ވާހަކައަކީ ވަރަށް ހިތާމަވެރޮ ވާހަކައެއް ކަމަށް ޚުތުބާގައި ބުންޏެވެ. މު ނުރައްކާތެރި ވަބާ އިން ޒުވާނުންނާއި މުޖުތަމައު ސަލާމަތް ކުރުމަށް ހުރިހާ އެންމެނާއި ކަމާއި ގުޅުންހުރި މުއައްސަސާތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ޚުތުބާގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button