ޚަބަރު

ސަލްމާން މިސްކިތަށް އަރައި، އަޑުގަދަ ކުރި މީހަކު ހައްޔަރުކޮށްފި

ހުކުރު ނަމާދަށް ދިޔަ މީހަކު ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ޖަހާފައިވާ ޖުއްބާއެއް ލައިގެން ސަލްމާން މިސްކިތު މިންބަރަށް އަރައި އަޑުގަދަ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ މަސައްކަތް ކުރީ އަމިއްލަ ހުތުބާއެއް ދިނުމަށް ކަމަށާއި މިމްބަރަަށް އޭނާ އަރާފައި ވަނީ އެއް އަތުން މުސްޙަފެއް ހިފައިގެން ހުރެ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓްގެ ލޯގޯޖެހި ޖުއްބާއެއް ލައިގެންނެވެ. އަދި ހަމަ އެލޯގޯޖެހި ފަގުޑިއެއް އަޅައިގެން ހުރި ފިރިހެނެއް ކަމަށްވެސް މިސްކިތުގައި ތިބި ބައެއް މީހުން ބުނެފައިވެއެވެ.

ހުއްދަނެތި މީހަކު މިމްބަރަށް އަރައި މިސްކިތުގެ ތެރޭގައި އަޑުގަދަކުރަމުން ދިޔުމާއި ގުޅިގެން ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައި ވަނީ، މިއަދުގެ 12:24 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގާ 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތައް ޕްރޮމޯޓް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަންކަން ކުރާ މީހުން ޖަލަށްލެވޭ ގޮތަށް ގާނޫނު އޮތީ ފާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button