މިސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު އަކީ ދިވެހިރާއްޖޭގައި ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަފައިން ވިދާޅުވީ ”އާސްކް ސްޕީކަރ“ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރޭ ދެއްކެވި ވާހަކަ ފުޅުގައެވެ.
ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމުގެ ކުރިން ޝާހިދު އެމަނިކުފާނާއި، ބައްދަލު ކުރައްވާ 2018 ގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ.
އެހެންނަމަވެސް އޭރުގެ އިންތިޚާބަށް ނުކުތުމަށް އެމަނިކުފާނަށް އެންމެ ރަނގަޅު ކެނޑިޑޭޓަކަށް ފެނިވަޑައިންނެވީ ރައީސް ސޯލިހު ކަމަށް ޝާހިދު އަރިހުގައި ދެންނެވިކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އޭރު ޝާހިދުއަށް އެހެން ދެންނެވިނަމަވެސް ޝާހިދުއަކީ ރާއްޖޭގައި ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ހަމަވާބޭފުޅެއްކަމަށެވެ.
”އެހެން ދެންނެވި ކަމަށްވިޔަސް އަޅުގަނޑަށް އެނގޭ ޝާހިދު އަކީ ރާއްޖޭގެ ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއްކަން.“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ސޯލިހް އާއި ނަޝީދުގެ ގުޅުން ހީނަރުވެފައި ވަނިކޮށް، މިދަފައިން ޝާހިދުއަށް ތަޢުރީފް ކުރައްވާ ވާހަކަފުޅު ދެއްކެވުމަށްފަހު އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިންކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތިންވަނަ ފަރާތަކުންވެސް ވާދަކުރައްވަފާނެ ކަމަށެވެ.
ނަޝީދު އެވިދާޅުވި ގޮތުން ތިންވަނަ ފަރާތަކީ ޝާހިދުކަމުގައި ވުން ވަރަށް ގާތެވެ.