ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދެވަނަ ދައުރަކަށް ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއްނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ”އާސްކް ސްޕީކަރ“ ގެ 5 ވަނަ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އާންމުންގެ ފަރާތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދުއަށް އާންމުންގެ ފަރާތުން ކުރެއްވި ސުވާލަކީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ކާމިޔާބު ނުވެއްޖެނަމަ ކާމިޔާބު ކުރައްވާ ފަރާތަކަށް ތާއީދު ކުރައްވާނެތޯ އެވެ.
ފަހުގެ ތާރީޚްތަކުގައި އެމްޑީޕީ އިން ބޭއްވި ހުރިހާ އިންތިޚާބުތަކެއްގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިންނެވި ނަޝީދު ވިދާޅުވީ ބަލިވާނެ ކަމަށް ނިންމަވައިގެން އެމަނިކުފާނު އެއްވެސް އިންތިޚާބަކަށް ނުނިކުންނަވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް ނުކުންނަވާނީ ކާމިޔާބުކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެކަން އިތުރަށް ތަފްޞީލް ކޮށްދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިންނަވާ ގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުންއެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއްނޫން ކަމަށެވެ.
”އަޅުގަނޑަށް ފެންނަފެނުމުގަ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުންއެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއްނޫން.“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމުގެ ކުރިން މިހާރުގެ ފޮރިން މިނިސްޓަރު ޝާހިދު ނަޝީދު އާއި ބައްދަލު ކުރައްވާ 2018 ގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިކަމަށެވެ.
އެހެންނަމަވެސް އޭރުގެ އިންތިޚާބަށް ނުކުތުމަށް އެމަނިކުފާނަށް އެންމެ ރަނގަޅު ކެނޑިޑޭޓަކަށް ފެނިވަޑައިންނެވީ ރައީސް ސޯލިހު ކަމަށް ޝާހިދު އަރިހުގައި ދެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
”ޝާހިދު 2018 ވަނަ އަހަރުގެ އިންތިޚާބުގައި އެދި ވަޑައިންނެވީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުމެ ވަޑައިގަންނަވަން. އެހެން ނަމަވެސް ޝާހިދު އަރިހުގައި ދެންނެވިން އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 ވަނަ އަހަރުގެ އިންތިޚާބަށް ނުކުތުމަށް އެންމެ ރަނގަޅު ބޭފުޅަކަށް ވާނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ކަމަށް.“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އޭރު ރައީސް ސޯލިހު އިންތިޚާބުގައި ވާދަކުރައްވާ ކާމިޔާބުކުރުމަށް އެންމެން ނުކުމެ ގިނަ މަސައްކަތް ތަކެއް ކޮށްފައިވާނެކަމަށެވެ.
މިއާއިއެކު ނަޝީދު ވިދާޅުވީ އޭރު ޝާހިދުއަށް އެހެން ދެންނެވިނަމަވެސް ޝާހިދުއަކީ އޭރު ރާއްޖޭގައި ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ހަމަވާބޭފުޅެއްކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ފަރަތަކާއިމެދު ބަހުސަކަށް ގޮސްފައިވާއިރު ނަޝީދު ވިދާޅުވީ އެކަމުގެ ސާފު ޖަވާބެއް ކުރިއަށް އޮތް ހަފްތާތަކުގައި ލިބިގެން ދާނެ ކަމަށެވެ.
”ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީ އިން ނުކުންނާނީ 3 ވަނަ ބޭފުޅެއްތޯ އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ކުރައްވާނެ. ކުރިއަށް އޮތް ހަފްތާތަކުގައި މިކަންކަމުގެ ޖަވާބު ސާފުވެގެންދާނެ.“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، ކޯލިޝަނަކާއިއެކު ކުރިއަށްދާ އެމްޑީޕީގެ ވެރިކަމުގައި ގިނަ ގޯސްތަކެއް ހެދިފައިވާކަމަށް ބުނެ އެ ޕާޓީގެ އާންމު މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރި ގިނަބަޔަކު އަންނަނީ އެ ތާއީދު އަނބުރާ ގެންދަވަމުންނެވެ.