ޚަބަރުސިޔާސީ

ރައީސް ޔާމީން އަށް ވާދަނުކުރެވޭ އިންތިޚާބެއް ޤަބޫލެއް ނުކުރާނަން: ސެމްބެ

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ވާދަނުކުރެވޭ އިންތިޚާބެއް ޤަބޫލު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުތަކާއި ގުޅޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ވޯޓުލެވޭ މީހުންގެ ޙައްޤުތަކަށް ޕީޕީއެމް ޕީއެންސީއިން ތާއީދު ކުރިކަމުގައިވިޔަސް މިއަދު އޮތް ސަރުކާރުން އެފުރުޞަތު ޕީޕީއެމް ޕީއެންސީއަށް ނުދީ ރައްޔިތުންގެ ޙައްޤުތަކެއް ނިގުޅައިގަންނަމުންދާކަމަށެވެ. އަދި މިކަމަށް ތާއީދު ކުރަނީ އިންތިޚާބު މިނިވަން ވާނެތީ  ނޫން ކަމަށާއި، ރިޔާސީ އިންތިޚާބު މިނިވަން ނުވާނެ ކަމުގެ އެންމެ ފުރަތަމަ ކަމަކީ ރައްޔިތުންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ނުޙައްޤުން އަނިޔާކޮށް އެމަނިކުފާނަށް ކެމްޕޭނު ކުރަން ފުރުޞަތުނުދީ އަނިޔާވެރިކަމާއެކީ ޖަލުގަ ބާއްވައިން ގެންގުޅޭ ގެންގުޅުން ކަމުގައި ސެމްބެ ފާހަގަކުރެއްވިއެވެ. އަދި އެ ފުރުޞަތު ރައީސް ޔާމީންއަށް ނުދޭހާ ހިނދަކު އިންތިޚާބު މިނިވަން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

”ރިޔާސީ އިންތިޚާބު މިނިވަން ނުވާނެ ކަމުގެ އެންމެ ފުރަތަމަ ކަމަކީ ރައްޔިތުންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ނުޙައްޤުން އަނިޔާކޮށް އެމަނިކުފާނަށް ކެމްޕޭނު ކުރަން ފުރުޞަތުނުދީ އަނިޔާވެރިކަމާއެކީ ޖަލުގަ ބާއްވައިން ގެންގުޅޭ ގެންގުޅުން. އެހެން ކަމުން އެ ފުރުޞަތު ނުދޭހާ ހިނދަކު މިރާއްޖޭގެ އިންތިޚާބެއް މިނިވަނެއް ނުވާނެ“ -ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ)-

 

ސެމްބެ ވިދާޅުވީ ރައީސް ޔާމީންއަށް ވާދަނުކުރެވޭ އިންތިޚާބެއް ޤަބޫލު ނުކުރާނެ ކަމަށާއި، އެކަން ބައިނަލް އަޤްވާމީ މުޖުތަމަޢުވެސް ބަލައެއް ނުގަންނާނެ ކަމަށެވެ. އެއާއިއެކު އޭނާ ވިދާޅުވީ ދާދިއަވަހަށް ރައީސް ޔާމީން މިނިވަންކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތުދޭން މި ސަރުކާރަށް މަޖުބޫރުވާނެ ކަމަށާއި، އެކަން މަޖުބޫރުވަނީ އެއީ ދިވެހި ރައްޔިތުންގެ ޙައްޤަކަށް ވާތީކަމަށެވެ.

”އެކަމެއް އަޅުގަނޑުމެންވެސް ޤަބޫލެއް ނުކުރާނަން، ބައިނަލް އަޤްވާމީ މުޖުތަމަޢުވެސް އެކަމެއް ބަލައެއް ނުގަންނާނެ. އެހެންކަމުން އެފުރުޞަތު ދިނުން މިއަދު މިއޮތް ސަރުކާރަށް މަޖުބޫރު ކުރުވާނެ ދާދިއަވަހަށްރައީސް ޔާމީން މިނިވަންކޮށް އެ ފުރުޞަތުތަނަވަސް ކޮށްދިނުމަށް. އެއީ ދިވެހި ރައްޔިތުންގެ ޙައްޤަކަށް ވާތީވެ“ -ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ)-

ރައީސް ޔާމީން މިއަދު ޖަލުގަ އެ އޮންނަވަނީ އެއީ އެމަނިކުފާނުގެ އެކަނި ޙައްޤުގައިނޫން ކަމަށާއި، އެއީ އެތައް ބައެއްގެ ދިރިހުރުމުގެ ޙައްޤުގައި ކަމަށް ސެމްބެ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންއާއި މިރާއްޖޭގެ މިނިވަންކަމާވެސް ވަނީ ގުޅިފައިކަމަށާއި، ރައްޔިތުންގެ އެހެނިހެން އަސާސީ ޙައްޤުތަކާވެސް އެމަނިކުފާނާއި ގުޅިފައިވާކަމަށް ސެމްބެގެ ވާހަކައިގައި ވިދާޅުވިއެވެ.

ރިޔާސީ އިންތިޚަބު މިނިވަންވާނެ ކަމަށް ޤަބޫލުނުކުރައްވާ ދެވަނަ ސަބަބެއްގެ ގޮތުގައި ސެމްބެ ފާހަގަކުރެއްވީ މީޑީއާގެ މިނިވަންކަން ނެތުމެވެ. ސެމްބެ ވިދާޅުވީ މީޑީއާގެ މިނިވަންކަމެއް ނެތި ރިޔާސީ އިންތިޚާބު މިނިވަން ވާނެ އެއްވެސް ގޮތެއް އެއްވެސްތާކުން ފެންނަން ނެތްކަމަށާއި، ބައިނަލް އަޤްވާމީ މުއާހަދާތަކުންވެސް ރައްޔިތުންގެ ޙައްޤުތަށް ކަށަވަރު ކުރުމަށްޓަކާ މިކަންކަމަށް ބާރު އަޅުއްވާކަމަށެވެ.

މީގެ އިތުރުން ސެމްބެވަނީ ރައީސް ޔާމީންގެ ޙައްޤުގަ މުޒާހަރާއަށް ނުކުންނަ ފަރާތްތަކާއި ދޭތެރޭގައި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގާ ފުލުހުން އަމަލުކުރަމުންދާ އަނިޔާވެރި ކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސިޔާސީ މީހެއްގެ އަބުރުކަތިލެވޭތީއޭ ބުނެ ޚިޔާލުފާޅުކުރަން ނުކުންނަ ރައްޔިތުންނާއިމެދު މިގޮތަށް ޢަމަލު ކުރީމާ އެމްޑީޕީ އިން އެދެއްކި ވާހަކަތައް ދިޔައީ ކޮންތަނަށްތޯ ސުވާލު އުފެދޭ ކަމަށެވެ.

ސެމްބެގެ ވާހަކަ ނިންމާލައްވަމުންވެސް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށްވެސް ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ޤަބޫލު ކުރާނީ ރައީސް ޔާމީން އަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ލިބޭނަމަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button