ކައުންސިލަރު ނަހުލާ ސޯޝަލް މީޑިއާގައި ދައްކަވަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް: މޭޔަރު މުޢިއްޒު

މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ ޢަލީ ސޯޝަލް މީޑިއާގައި ދައްކަވަމުން ގެންދަވަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ކައުންސިލްގެ 58 ވަނަ ރަސްމީ ޖަލްސާގައި ކައުންސިލަރު ރަމީޒް މިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރެއްވުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރަމީޒް ވިދާޅުވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ސިޓީ ކައުންސިލްގެ އަގުވެއްޓޭގޮތަށް ވާހަކ ދެއްކުމަކީ ވަރަށް ހިތާމަހުރިކަމެއްކަމަށާއި، މިކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން މޭޔަރު ވިދާޅުވީ ސޯޝަލް މީޑިއާގައި ލިޔުއްވާފައި ހުރި ވާހަކަތައް ފެނިވަޑަގެންނެވިކަމަށާއި، ކައުންސިލްގެ އަގުވެއްޓޭގޮތަށް އެއްވެސް ކައުންސިލަރަކު ކަމެއް ކުރެއްވުމަކީ ކުރެވިގެން ވާނެ ކަމެއްނޫން ކަމަށެވެ.
އިއްޔެ ވިލިމާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ކައުންސިލުން އެއްބާރުލުން ނުދިންކަމަށާއި އަދި މޭޔަރަށް ނިސްބަތް ކުރައްވާ ވިދާޅުވި ވާހަކަ ތަކަށް މޭޔަރު ވަނީ ރައްދު ދެއްވާފައެވެ.
އެގޮތުން މޭޔަރު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ޕީޕީއެމުން އަންގައިގެން ކައުންސިލުން އެއްބާރުލުން ނުދެނީކަމަށްބުނެ ނަހުލާ ދައްކަވާފައިވަނީ ޙަޤީޤަތެއް ނެތްވާހަކައެއްކަމަށާއި، އެކަމުގެ ސަބަބުން މޭޔަރާއި އަދި ކައުންސިލްގެ އަގުވެސް ވަނީ ވެއްޓިފައި ކަމަށް މޭޔަރު ވިދާޅުވިއެވެ.
“އެހެންވީމާ މި ކައުންސިލްގެ ފަރާތުން ވިލިމާލެ ދާއިރާގެ ރައްޔިތުންގެ ސަމާލުކަމަށް ޓަކައި ދަންނަވާލަން ބޭނުންވޭ ކައުންސިލުން ވިލިމާލޭ އަކަށް އިހުމާލެއް ނުވާނެ. މިއަދާ ހަމަޔަށްވެސް ވާނީ ކައުންސިލުން ވިލިމާލެއަށް ފުރިހަމައަށް އެހީތެރިކަން ދީފަ.ސަމާލުކަން ދީ ކަންކަމުގަ ސަޕޯޓުވެސް ދީފަ.ދިމާވާ ކޮންމެ ހާދިސާއެއްގައިވެސް ތަފާތުކުރުމެއްނެތި ހުރިހާ ދާއިރާއަކަށްވެސް އަޅުގަނޑުމެންނަށް ދެވެންއޮތް ހުރިހާ އެހީތެރިކަމެއް އެބަދެވޭ. އެއްވެސް ކައުންސިލަރަކު ނިސްބަތްވާ ދާއިރާއެއް ގެ އަގު ވެއްޓޭގޮތަށް މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.”
މިކަމުގެ ސަބަބުން ކައުންސިލަރުންގެ ތެރޭގައި އޮންނަންވާ އެކުވެރިކަމަށްވެސް ވަރަށްބޮޑަށް ބުރޫއަރާކަމަށް މޭޔަރު ވިދާޅުވިއެވެ.