
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން( އާރުޑީސީ) އަކީ މަންމަނުތަނެއް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މާލޭގެ މަގު ހެދުމުގެ މަޝްރޫޢު ހުއްޓިފައިވާތީ އެކަމާއި ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރައްވާ މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ އާރުޑީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ސާފު މަގު ޕްރޮގްރާމް ހުއްޓިގެން މިއުޅެނީ ސަރުކާރުން ލާނެތްކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އާރުޑީސީ އަކީ ސަރުކާރުން އޭ ގްރޭޑް ދޭ ކުންފުންޏެއް ކަމަށްވީ ނަމަވެސް އާރުޑީސީ ފެންނަނީ ބަނގުރޫޓުވެފައި އޮތް ކުންފުންޏެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.
”އާރުޑީސީ އަކީ ސަރުކާރުން އޭ ގްރޭޑް ދޭ ކުންފުންޏެއް ނަމަވެސް އަޅުގަނޑުމެންނަށް އާރުޑީސީ ފެންނަނީ ބަނގުރޫޓުވެފައި އޮތް ކުންފުންޏެއްގެ ގޮތުގަ.“
ޝުޖާއު ވިދާޅުވީ ރައީސް ސޯލިހު އެންމެ ލޯބިވާ ކުންފުންޏަކީވެސް އާރުޑީސީ ކަމަށާއި، އެއީ އެމްޑީޕީގެ ކޮންމެ އިންތިޚާބަކަށް އެތަށް ވަޒީފާތަކެއް އުފައްދާ ކުންފުންޏެއްކަމަށެވެ.
”އެތެރޭގެ ކޮންމެ އިންތިޚާބަކާއި ގުޅިގެން ވަޒީފާ ވިހާ ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އާރުޑީސީ ފެންނަނީ. ރައީސް ސޯލިހު އެންމެ ލޯބިވާ ކުންފުންޏަކީވެސް އާރުޑީސީ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އާރުޑީސީ އަކީ މަންމަނުތަނެއް.ކަންފަތް ބީރުވެފައޮތީ އަޑެއް ނީވޭނެ.“
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫޢު މެދުކެނޑިފައި އޮތް ސަބަބު ސަރުކާރުން ހާމަނުކުރުމާއި ގުޅޭގޮތުން ޝުޖާއު ވިދާޅުވީ ސަރުކާރުގައި މިކަމަށް ހޭދަކުރާވަރަށް ފައިސާ ނެތްކަމުގައިވާނަމަ ނުވަތަ ސަރުކާރު ބަނގުރޫޓު ވުމާއި ދިމާލަށް ދާނަމަވެސް އެކަން ހާމަކުރަންޖެހޭ ކަމަށެވެ.
”ރީތިކޮށް ބުނަންވީނުންތޯ ސަރުކާރުގައި ލާރިއެއްނެތޭ. ސަރުކާރު މިދަނީ ބަނގުރޫޓުވާންށޭ. މިހުރިހާ ތަކުލީފެއް ރައްޔިތުން އުފުލަންޖެހޭ ގޮތަށް ކަންކަން ތަރުތީބުވެފައި އޮތުމަކީ މިއީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް.“
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހުއްޓިފައިވާތީ މޭޔަރާއި އިތުރު ކައުންސިލަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.