ބޭރުގެ ފައިސާގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ނުވަތަ ޔޫޒަބަލް ރިޒާވުގައި ހުރީ 5 މަސް ދުވަހުގެ ތެލާއި ކާޑާއި ބޭހަށް ވާ ފައިސާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ޔޫޒަބަލް ރިޒާވުގެ ތަފްސީލާ ގުޅޭގޮތުން މާލީ ވަޒީރު އިބްރާހީމް އަމީރު އާއި ސުވާލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އިތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އީވާ އަބްދުﷲ ނޯޓިސް ފޮނުއްވެވީ ޖޫން މަހުގެ 7 ވަނަ ދުވަހުގައެވެ. ސުވާލުގެ ޖަވާބު ހޯއްދެވުމަށް އީވާ އެދިވަޑައިގަތީ ލިޔުމުންނެވެ.
އަމީރުގެ ޖަވާބު ސިޓީ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު އިއްވަވަމުން ވިދާޅުވީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބަލާއިރު ބޭހާއި ކާޑާއި ތެޔޮ ގަތުމަށް 5 މަސް ދުވަހަށް ބޭނުން ކުރެވޭވަރަށް ފައިސާ ހުރި ކަމުގައެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު މަރުކަޒީ ބޭންކުން ހޯދުމަށް އަމީރު ވިދާޅުވެފައި ވެއެވެ.
އެ ސިޓީގައިވާގޮތުން ބޭރުގެ ރިޒާވް މެނޭޖު ކުރުމަށް ގާނޫނީގޮތުން މަތިކޮށްފައިވަނީ އެމްއެމްއޭ އަށެވެ.
”ރިޒާވުގެ ތަފާސް ހިސާބުތައް ބަލަހައްޓައި އަންދާޒީ ހިސާބު ތައްޔާރު ކުރުމަކީވެސް އެ އޮތޯރިޓީގެ ޒިންމާއެއް. ރިޒާވުގެ ތަފްސީލަކީ އެމްއެމްއޭއިން ޝާއިއުކުރާ ނަންބަރެއް ނޫން.“ އަމީރުގެ ސިޓީގައި ވެއެވެ.
އީވާގެ ސިޓީއަށް އަމީރު އެފަދައިން ޖަވާބު ދެއްވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ރިޔާސަތުގައި އިންނަވައިގެން ބަހުސް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި މާލީ ވަޒީރު އަލުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހެއެވެ.