ޚަބަރުސިޔާސީ

ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭ ތާރީހީ ފުރުސަތެއް: ޝީ ޖިންޕިން

އާ ހާލަތަކީ ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭ ތާރީހީ ފުރުސަތެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާ ބޭއްވެވި މަޝްވަރާތަކުގައި ޝީ ވިދާޅުވި ކަަމަށް ޗައިނާ ސަރުކާރުގެ ޝިންވާ ނިއުސް އެޖެންސީން ބުނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމަކީ ގަދީމީ މެރިޓައިމް ސިލްކްރޫޓްގެ ޒަމާނުން ފެށިގެން އޮތް ގުޅުމެއް ކަމަށެވެ. އަދި މިހާރުގެ ބެލްޓް އެންޑް ރޯޑް އިނިޝޭޓިވް އާއި އެހެން ދާއިރާތަކުން މިފަހުން އެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ވެސް ޝީ ވިދާޅުވިއެވެ.

”މިއީ މާޒީގައި ހާސިލުކުރެވިފައިވާ ކަންތައްތަކުގެ މަތީގައި ޗައިނާ-ދިވެހިރާއްޖެ ގުޅުން ބަދަހިކުރަން، އާ ހާލަތުގައި މި ލިބެނީ ތާރީހީ ފުރުސަތެއް“ ޝީ ޖިންޕިން ވިދާޅުވި ކަަމަށް ޝިންވާ ނިއުސް އެޖެންސީގެ ހަބަރުގައި ބުންޏެވެ.

ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޝީ ވިދާޅުވި ގޮތުގައި ހިންގުމުގެ ދާއިރާގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރަން ޗައިނާ އޮތީ ތައްޔާރަށެވެ. ރާއްޖޭގެ ތަރައްގީގެ ސްޓްރެޓެޖީ ހަރުދަނާކުރަން އެހީވާން ތައްޔާރަށް އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝީ ވިދާޅުވި ގޮތުގައި ސިޔާދަތާއި މިނިވަން ކަމަށާއި ރީޖަނަލް އިންޓަގްރިޓީ ރައްކާތެރިކުރަން ރާއްޖޭން ކުރާ މަސައްކަތަަށް ޗައިނާއިން ތާއީދާއި އިހުތިރާމް ކުރެ އެވެ. ގިނަ ދައުލަތްތައް ގުޅިގެން ކުރާ މަސައްކަތްތައް (މަލްޓިލެޓަރަލިޒަމް) ހަގީގީ މާނައިގައި ކުރިއަރުވަން ޗައިނާއާއި ރާއްޖެ ގުޅިގެން ކުރާ މަސައްކަތް އިތުރުކުރުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button