ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ކޯލިޝަން ހެދުމުގެ ވިސްނުންފުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދާދިފަހުން ކެމްޕޭންފެއްޓެވި ނަމަވެސް ކުއްލިއަކަށް އެމަނިކުފާނުގެ ރާގު ބަދަލުވެއްޖެއެވެ.
“ތައްޔާރު“ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީއިން ވާދަކުރައްވާނެކަންއިޢުލާނު ކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ނިންމުންބަދަލުނުވާނެ ކަމަށް ދަންނަވަން ދަތި ކަމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އިޢުލާނު ކުރައްވާފައިވާއިރު އިންތިޚާބު ކާމިޔާބުކުރައްވާނީ ޖުމްހޫރީ ޕާޓީ އާއިއެކު ކޯލިޝަނެއް ހަދައިގެން ކަމަށްވެސް ރައީސް ސޯލިހު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހު ވަނީ ޤާސިމް އާއިއެކު ކެމްޕޭނަށް އދ. މާމިގިއްޔަށް ވެސް ވަޑައިގަންނަވާފަ އެވެ.
އެހެންނަމަވެސް އަންގާރަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ޤާސިމް ވިދާޅުސިޔާސީ ޕާޓީއެއްގެ މައިގަނޑު މަޤްސަދަކަށް ވާނީ ރިޔާސީއިންތިޚާބުގައި ވާދަކުރުން ކަމަށެވެ.
މާޒީގައި ކަން ހިނގާފައިވާ ގޮތްތައް ކުރިޔަށް އޮތްތަނުގައި ބަދަލުވެދާނެ ކަމަށާއި ކޮންމެ ޕާޓީއެއް ވެސް ވަކި ބަޔަކަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށްތެދުވަން ވިސްނާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ޖޭޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން އަންނަ އަހަރު ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި،ޕްރައިމަރީއެއް ބާއްވާނެތޯ ނުވަތަ ނުބާއްވާނެތޯ ވެސް ކަނޑައަޅާނެ ކަމަށެވެ.
”އެންމެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައި އޮތީ ރިޔާސީ ކެނޑިޑޭޓަކު ޖޭޕީން ނެރޭނެ. އެ ނިންމުމަށް ބަދަލެއް އަންނާނެތޯ ނުވަތަ ނާންނާނެތޯއެނގޭނީ ކޮންގަރެސް އާ ކައުންސިލް ހޮވީމަ. ހަމަގައިމުވެސް އަޅުގަނޑުމެން ބާކީ ވެގެން ނުދާނެ.“ ގާސިމް ވިދާޅުވިއެވެ.
ޖޭޕީ އޮތީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ތައްޔާރަށް ކަމަށާއި ޕާޓީގެ ކޮންގްރެސް ވަރަށް އަވަހަށް ބޭއްވިގެން ދާނެކަމަށްވެސް ޤާސިމް ވަނީވިދާޅުވެފައެވެ.
އެއާއިއެކު އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ވެސް ގޮތް ނިންމާނީ ޖޭޕީގެ ކޮންގްރެސް އިން ކަމަށް ޤާސިމް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް ތާއީދުކުރައްވާ ގިނަ ވާހަކަތަކެއް ޤާސިމް ދެއްކެވިއިރު، ނުސީދާގޮތެއްގައި ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއްވެސް ޤާސިމްވަނީ ރައްދުކުރައްވާފައެވެ.