ކޮވިޑް ކޭސްތަކުގެ އަދަދު އަނެއްކާވެސް 1200 އިން މައްޗަށް
މިދިޔަ ހަފްތާ ރާއްޖޭން 1،202 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފްތާ ޕޮޒިޓިވްވި މީހުންގެ ތެރެއިން 528 މީހަކު ނިސްބަތްވަނީ ގްރޭޓާ މާލެ ސަރަހަށްދަށެވެ. 452 މީހަކު އަތޮޅު ތެރޭގެ ރަށްތަކަށް ނިސްބަތްވާއިރު، 222 މީހުން ނިސްބަތްވަނީ ރިސޯޓްތަކާއި، އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކަށްކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ކޮވިޑް ބަލީގައި ބޮޑުވަރުވެ، 51 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ. މިބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު ވަނީ 305އަށް އަރާފައެެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް ބައްޔަށް ރާއްޖޭން ޕޮޒިޓިވްވިކަމަށް ރެކޯޑްކުރި މީހުންގެ އަދަދު މިހާރު ވަނީ 181،586 އަށް އަރާފައެވެ.
✴️Weekly COVID-19 Cases pic.twitter.com/yD5dMx6zF6
— Health Protection Agency (@HPA_MV) June 27, 2022
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން މާސްކް އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި އަދި ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.