ޚަބަރުސިޔާސީ

މަތީ މަގާމުތަކުގައި ތިބެގެން ލިވާތު ކުރި މީހުން އިސްތިއުފާ ދޭން ޖެހޭ: އެމްއާރުއެމް

މަތީ މަޤާމުތަކުގައި ތިބެގެން ލިވާތު ކުރި މީހުން އިސްތިއުފާ ދޭން ޖެހޭނެ ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ބުނެފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސިޔާސީ ޕާޓީ ކަމަށްވާ އެމްއާރުއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި އެކިއެކި ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ، ޢަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމަކީ އެ ޕާޓީއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ.

އެފަދަ ޢަމަލުތައް ހިންގާ މީހުންގެ މައްސަލަ، ވަކި މީހަކަށް ނުބަލައި، ތަފާތުކުރުމެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާއިބެހޭ ފަރާތްތަކުން ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ. އަދި އެފަދަ ޢަމަލުތައް ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުން އެމީހުންނާއިމެދު އެކަށޭނަ ފިޔަވަޅު އެޅުމަށްވެސް އެމްއާރުއެމުން ގޮވާލިއެވެ.

ޤައުމު އިސްލާޙުކުރަން ބޭނުންވާ ދިވެހީންގެ ގިނަ ބަޔަކު އެދޭ ފަދައިން، މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަޤާމުތައް އަދާކުރާ މީހުން އެ މަޤާމުތަކުން އިސްތިޢުފާ ދިނުމަށްވެސް އެމްއާރުއެމުން ގޮވާލިއެވެ. އެޕާޓީއިން ބުނިގޮތުގައި އެފަދަ ފަރާތްތައް ދައުލަތުގެ މަޤާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ސިޔާސީ ނިޒާމާއި، ސިޔާސީ ޕާޓީތަކާއިމެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކުރުން ކޮންމެހެން މުހިއްމު ކަމެކެވެ.

މިފަދަ ޢަމަލެއްގައި އެމްއާރުއެމްގެ މެންބަރަކު ބައިވެރިވެއްޖެ ނަމަ، ޚާއްސަ އިސްކަމެއް ދީގެން ޕާޓީގެ އޮނިގަނޑުތެރެއިން މައްސަލަ ބަލައި، ޕާޓީގެ އަސާސްތައް ދެމެހެއްޓުމަށާއި، ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް އެމްއާރުއެމުން ވަނީ އަރުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button