ޔޯގާ ހަރަކާތް ހުއްޓުވަން ފެއިލްވި ކަމަށް ފުލުހުން އެއްބަސްވެެއްޖެ
ޔޯގާ ހަރަކާތް ހުއްޓުވަން ފުލުހުން ފެއިލްވެފައިވާ ކަމަށް ގަބޫލު ކުރާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުން ތަކުގެ ތެރޭގައި ފުލުހުންގެ ސަފުތައް ފޫ އަޅުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމުގައެވެ.
އޭނާ ވިދާޅުވީ ފުލުހުން އެއަށްވުރެ ޕްރޮފެޝަނަލްކޮށް އެކި ހަރަކާތްތަކުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އަދި އެކަމާ ގުޅިގެން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުގެ ބެއްލެވުމުގެ ދަށުން ހަދަމުންދާ އިންކުއަރީގެ ރިޕޯޓު އަންނަ އާދީއްތަ ދުވަހު ފުލުހުންގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅަން ނިންމާފައިވާ ކަމުގައި ޝުޖާއު ވިދާޅުވިއެވެ. އިންޓަގިރިޓީ ކޮމިޝަންގެ އިތުރުން ޕޮލިސް ބޯޑުންވެސް އެކަމާ ގުޅޭ އިންކުއަރީއެއް ހަދަމުންދާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ ކެބިނެޓުގައި ހެދިފައިވާ ސަބް ކޮމެޓީއަށް ފުލުހުން ޖަވާބުދާރީ ވެފައިވާ ކަމުގައެވެ.
ޝުޖާއު ފާހަގަކުރެއްވިގޮތުގަައި މާލޭގައި ކުރާ މުޒާހަރާތަކާއި އެއްވުންތަކަށް ފުލުހުން އަންނަނީ ފުޅާ ދާއިރާއަކަށް ފުރުސަތު ދެމުންނެވެ. އެގޮތުން އެދުވަހުގެ ފަތިހުވެސް ސުލްހަވެރި އިހުތިޖާޖަކަށް ފުލުން ފުރުސަތު ދިންކަން އޭނާ ފާހަގަކުރެއްވިއެވެ.