ވަޒީރުންގެ ކާރުކޮޅުތަކުގައި އިންޑިއާ އައުޓް ޖެހި މީހާ ދޫކޮށްލައިފި
މީގެ ދުވަސްތަކެއް ކުރިން ތިން ވަޒީރެއްގެ ކާރުކޮޅަށް އިންޑިއާ އައުޓް ސްޕްރޭޖެހި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކުރި މީހާ ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޙުސައިން ރިޝްފާޒް (30އ) ދޫކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ދޫކޮށްލާފައިވަނީ ޝަރުތުކޮށްފައެވެ. އަދި އޭނާއަކީ ތަހުގީގަށް އެއްބާރުލުން ދޭމީހެއްކަމަށާއި، ދޫކޮށްލުމަށް އައިއޯގެ އިއުތުރާޒެއް ނެތް ކަމަށް ބަންދުން ދޫކޮށްލުމުގެ އަމުރުގައުވެއެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީއެވެ.
މީގެ ދުވަސްތަކެއް ކުރިން އިންޑިއާ އައުޓް ސްޕްރޭ ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި، މާލީ ވަޒީރު އިބްރާހީމް އަމީރުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަންގެ ކާރުކޮޅަށެވެ.
މީގެ ކުރިން ބައެއް ވަޒީރުންގެ ގެކޮޅުތަކުގައިވެސް އިންޑިއާ އައުޓް ޖަހާފައި ވެއެވެ. އެގޮތުން ދިފާއީ ވަޒީރު މާރިޔާ ދީދީގެ އިތުރުން ހާރިޖީ ވަޒީރު އަބްދުالله ޝާހިދުގެ ގެކޮޅުގައި އިންޑިއާ އައުޓް ސްޕްރޭ ކުރިއިރު، މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މަންމާފުޅުގެ ގެކޮޅު ގ. ކެނެރީ ގޭގައިވެސް ވަނީ އިންޑިއާ އައުޓް ޖަހާފައެވެ.