ޚަބަރުސިޔާސީ

މިއަދު މިއޮތީ އެންމެން ނުކުމެ މި ފާސިދު ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރަން ޖެހިފައި: އިދިކޮޅު

މިއަދު މިއޮތީ އެންމެން އެއްކައްޗެއް ކިޔައި ނުކުމެ މި ފާސިދު ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރަން ޖެހިފައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި އެތައް ފާސިގު ކަންތައްތަކެއް މި ސަރުކާރުން ކުރަމުންދާތީ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހެޅުމުން އެ އިދާރާއިންވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

އަދި މި ސަރުކާރަކީ ފާސިދު ސަރުކާރަކަށް ވެގެންދާއިރު ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި މާތްﷲ އަށް ބިރުވެތިވާ ހާލު ކޮންމެ މެންބަރަކުވެސް މަޖިލީހުގައިވެސް އަޑުއުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

”އެއްވެސް މީހެއް، އެއްވެސް ފިކުރަކަށް ނިސްބަތްވާ މީހެއް، އެއްވެސް މައުލޫމާތެއް ނުވަތަ އެއްވެސް ދާއިރާއަކުން އެއީ ދީނީ އިލްމުވެރިން ކަމުގައިވިޔަސް، ދީނީ އިލްމުވެރިން ކަމުގައިވިޔަސް، ސިޔާސީ މުފައްކިރުން ކަމުގައިވިޔަސް، މިއަދު މިއޮތީ އެންމެން އެއްކައްޗެއް ކިޔައި ނުކުމެ މި ފާސިދު ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރަން ޖެހިފައި.“ އާދަމް ޝަރީފް ވިދާޅުވިއެވެ.

 

އެއް ޖިންސުން ގުޅުން ހިންގުމާއި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ މައްސަލަތައް ނުބަލާތީ، ރައްޔިތުން ނުކުމެ ޤާނޫނީ އިމުގެ ތެރެއިން މި ”ފާސިދު“ ސަރުކާރު ބަދަލުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ގޮވާލާފައިވާއިރު، މިއަދުގެ މަޖިލީހަށް މި މައްސަލަތައް ބަލަން އިދިކޮޅު މެމްބަރު ޝިޔާމް ހުށަހެޅުއްވިނަމަވެސް މަޖިލީހުގެ ރިޔާސަތުން އެފުރުޞަތުދީފައެއް ނުވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވީ ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި ދީނާ ހިލާފު ކަންކަމަށް ހިއްވަރު ލިބޭގޮތަށް ދައުލަތުގެ އެއްވެސް ވުޒާރާއެއްގެ ބޭފުޅަކު ވާހަކަދައްކަވައިގެން ނުވާނެ ކަމަށެވެ.

އެކަމަކު ފާހިޝް ނުބައި ހުރިހާ ކަމެއްގައި ސަރުކާރާއި އެމްޑީޕީގެ އެންމެންވެސް އެއް ގަލަކަށް އަރާއިރު، އެފަދަ މައްސަލައެއް އެކަށީގެންވާ ގޮތުގައި ތަހުގީގުވެސް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުމާއި ބޮޑެތި މުންކަރާތްތަކާއި، މިކަހަލަ އެއްވެސް ހާދިސާއެއް އެދެވޭގޮތެއްގައި ބަލަމަކުން ނުދޭ، [ސަރުކާރަށް] އެއީ މާބޮޑު މައްސަލައެއް ނޫން. ސަރުކާރަށް އަޅުގަނޑު ގޮވާލަން އެ މައްސަލައަތައް ހަރުކަށި ކަމާ އެކީގައި ބެލުމަށް،“ ސަލީމް ވިދާޅުވި އެވެ.

މިފަހަކަށް އައިސް ސަރުކާރުގެ އިސްވެރިންނާއި އެބޭފުޅުންނާ އާއިލީގޮތުން ގުޅުން ހުރި ފަރާތްތައް ފާހިޝް އަމަލު ކުރާ މަންޒަރުތައް ވަނީ އާންމުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button