ޚަބަރު

ޔޯގާ ދުވަހާ ދިމާކޮށް ފުލުހުންނަށް ސިޓީއެއް ނުފޮނުވަން: އިސްލާމިކް މިނިސްޓްރީ

 

ހިންދޫ ދީނުގެ އަޅުކަމެއްގެ ގޮތުގައި ފާހަގަކުރާ ބައިނަލް އަޤްވާމީ ޔޯގާ ދުވަހު ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތާއި ގުޅިގެން ފިޔަވަޅު އަޅައި ދިނުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ޔޯގާ ދުވަހުގެ ޙަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އެދި ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނާއި ޔޫތު މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

ފާޑުކިޔުންތަކާއިއެކު އިސްލާމިކް މިނިސްޓްރީއިން މިވަނީ ނޫސްބަޔާނެއް ނެރެފައެވެ. މިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ

 

15 ޖޫން 2022 ވަނަ ދުވަހު މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވާފައިވާ ނަންބަރު: 142-C1/17/2022/28  ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ޙަރަކާތާއި ގުޅިގެން ފޮނުވާފައިވަ ސިޓީއެއް ނޫންކަމަށެވެ.
އަދި އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރެފައިވަނީ އިސްލާމިކް މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ޢިޖުރާޢަތްތަކާއި ޚިލާފަށް ކަމަށްވެސް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ޔޯގާގެ ޝަރުޢީ ޙުކުމާއިމެދު ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްޞީލީ ފަތުވާއެއް ހޯދުމަށްފަހު ޢާއްމު ކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން ދަނީ އިސްލާމިކް މިނިސްޓްރީއަށްވެސް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތު ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button