ޚަބަރުސިޔާސީ

މިއީ ގައުމަށްޓަކައި ނުކުންނަންވީ ވަގުތު: ޒަމީލް

މިވަގުތަކީ ގައުމާއި ދީނުގެ ހައްގުގައި ނުކުންނަންވީ ވަގުތުކަމަށް ޕީއެންސީގެ ކައުންސިލް މެންބަރު އިބްރާހިމް ޒަމީލް ވިދާޅުވެއްޖެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި، މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމް އޮފީސް ސަރަހައްދުގައި ކުރިއަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ވާހަކަދައްކަވަމުން ޒަމީލް ވިދާޅުވީ، އެ އިހުތިޖާޖުގެ ކޮންމެ ބައިވެރެއްގެ އަތުގައި އޮތް ޝުއޫރު ބޯޑުގެ ފަހަތުގައި މުޅި ދިވެހިރާއްޖޭގެ އާބާދީ އެބައޮތް ކަމަށެވެ. އަދި ކީރިތި ރަސޫލް (ސ.އ.ވ) އަށް ފުރައްސާރަކުރުމަކީ ދިރިހުއްޓާ މީހަކު ވަޅުލުމަށްވުރެ ނުބައި އަމަލެއް ކަމަށާއި، އެއަމަލުކުރި މީހުނަށް ސަރުކާރުން އަދަބުނުދެވިގެން އުޅެނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.

މީގެ އިތުރުން ޒަމީލް ވަނީ ދިވެހިރާއްޖޭގެ އެންމެހާ ދީނީ އިލްމުވެރިންނަށް ހައްގުބަސް ވިދާޅުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިއަދު ދީނުގެ ހައްގުގައި މަސައްކަތް ނުކުރި މީހަކަށް، މާދަމާ ދީނުގެ ނަމުގައި ކުރިއެރުމެއް ލިބުނަ ނުދޭނެ ކަމަށް ވިދާޅުވިއެވެ.

ޒަމީލް އިތުރަށް ވިދާޅުވި ގޮތުގައި މިވަގުތަކީ ގައުމާއި ދީނުގެ ދިފާއުގައި ނުކުންނަންވީ ވަގުތެވެ. އަދި އެކަމަށްޓަކައި ނުކުންނަންވީ ފަސް އަންހެނުން ނޫން ކަމަށާއި، އެންމެހާ ދިވެހި ރައްޔިތުން ނުކުންނަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ހައްޔަރުކޮށްފައިވާ ފަރާތްތައް މިނިވަން ކުރުމަށް ގޮވާލަން ޖެހޭކަމަށް ޒަމީލް ވިދާޅުވިއެވެ.

އިންޑިއާ ހައި ކޮމިށަނާއި، ޔޫތް މިނިސްޓްރީގެ އިތުރުން އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި، ޕީޕއެމް-ޕީއެންސީ ކޯލިޝަނުން ދަނީ ސިލްސިލާ އިހުތިޖާޖުތަކެއް ބާއްވަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރެވިފައިވާ ބައެއް މީހުންގެ މުއްދަތަށް 5 ދުވަސް ޖަހާފައިވާއިރި، ބައެއް މީހުނަށް 45 ދުވަސް އަދި 60 ދުވަހަށް ވަނީ މުއްދަތު ޖަހާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button