ޚަބަރު

ގެދޮރުވެރިން ޕޯޓަލް އިފްތިތާހުކޮށްފި

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ”ގެދޮރުވެރިން ޕޯޓަލް“ އިފްތިތާހު ކުރައްވައިފިއެވެ.

މި ޕޯޓަލް އިފްތިތާހްކޮށްދެއްވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް މިއަދު މި ހުޅުވާލަނީ 3000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ކަމަށާއި މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި އެއްވެސް ތަނެއް ނެތް އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ނެތް މީހުންނަށް ގޯއްޗަށް އެދެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތް ވަރަށް ސާފު ކަމަށާއި އޭނާގެ ހިތުގައި އެއްވެސް ޝައްކުކަމެއް މިކަމާމެދު ނެތް ކަން ފާހަގަކުރެއްވިއެވެ. ކުރިއަށްއޮތް އަހަރު ދުވަހުގެ ތެރޭގައި، 3000 ގޯތި ކަޑަޖަހައި، ގޯތި އޮތްތަން ފާހަގަކޮށް، ގޯތީގެ ރަޖިސްޓްރީ ހައްޤުވާ ފަރާތްތަކަށް ދެވޭނެކަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 5،000 ގޯތީގެ ތެރެއިން 3،000 ގޯތި ދޭން ނިންމިއިރު، ބާކީ  4،000 ސްލޮޓު ހަމަޖެއްސީ ފްލެޓަށް ކުރިމަތިލުމަށެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއްކަމުގައިވުން
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
  • 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
  • ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން

ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއް ކަމުގައިވުން
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
  • އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން
  • މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް / ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
  • ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން، މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން

ގޯއްޗާއި ފްލެޓަށް ވެސް ކުރިމަތިލެވޭނީ ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް ކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެވެ. މި ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button