ރިޕޯޓްމުނިފޫހިފިލުވުން

ސީދާ ވުމެއް ނެތް ހުވަފެނެއްގައި ހަސޭ ކުލަ ޖައްސަނީ

ކޮންމެ މީހަކީ ވެސް ދިރިއުޅުމައްޓަކައި އެތައް އުންމީދުތަކެއް ކުރާ މީހެކެވެ. ހާސިލު ކުރަން ބޭނުންވާ ގިނަ ގުނަ ލަނޑުދަނޑި ތަކަކަށް ވާސިލު ވުމަށްޓަކައި ހުވަފެންތައް ދެކޭނެ މީހެކެވެ. ތަފާތަކީ ކޮންމެ މީހެއްގެ މިސްރާބު އެއްގޮތް ނުވުމެވެ. އަދި ދާން ބޭނުންވާ މަންޒިލަށް ދިއުމަށްޓަކައި ކުރާ ދަތުރުގައި ކަން ކުރާ ގޮތް އެއްގޮތް ނުވުމެވެ. ބައެއް މީހުންނަކީ ވަރަށް ޅަ އުމުރުގައި ކާމިޔާބީގެ ދަތުރު ފަށާ ބައެކެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫއަށް އުފަން އުމުރުން 24 އަހަރުގެ ހަސަން ނިޒާރަކީ ވެސް މިފަދަ ފަރާތެކެވެ.

ހަސަން ނިޒާރު ( ހަސޭ )

މިހާރު އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް އެޕްލިކޭޝަން ކަމުގައިވާ ޓިކްޓޮކުން ”ހަސޭ“ ގެ ނަމުން މަޝްހޫރުވި މި ޒުވާނާ އަކީ އުމުރުން އެންމެ 18 އަހަރުގައި މުނިފޫހިފުލުވުމުގެ ދާއިރާ އަށް ނިކުތް ހުނަރުވެރި ފަރާތެކެވެ. އެގޮތުން ހަސޭ އަކި ހަމަ އެކަނި ޓިކްޓޮކްގައި އޭނާގެ ހުނަރު ދައްކާ މީހެކޭ ބުނުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެއެވެ. ސަބަބަކީ އޭނާ އަކީ އޭރު އިންޑަސްޓްރީގައި އެކި ލަވަތައް ކޮރިއޮގްރާފު ކޮށްދިން ޒުވާން ފަންނާނެކެވެ. އެގޮތުން މިހާރުވެސް ހަސޭގެ ވާހަކަ ދައްކައިފި ނަމަ ”ޓިކްޓޮކަރ“ އެއްގެ ކުރިއަށް އަންނަނީ ”ކޮރިއޮގްރަފަރ“ ގެ ނަމެވެ. އަބަދުވެސް ނެށުމަށް ލޯބިކުރާ ހަސޭ އަކީ އެންމެ ކުޑައިރުންސުރެ ވެސް ނަށާ ހިތްވާ އަދި ނަށާވެސް މީހެއް ކަމަށް އޭނާ ވަނީ ”ބޮންތި“ އަށް ކިޔައިދީފައެވެ. އާންމުން އެކަން ބަލައިގެން ކަމަށް ވެސް އެނާ ބުންޏެވެ. ސާނަވީ ތައުލީމު ނިމުނުއިރު ސުކޫލުގެ ފަރާތުން ހަސޭ އަށް  ”ކިންގް އޮފް ޕޮޕް“ ގެ ނަމުން ހާއްސަ ފިލައެއް ދީފައިވުން އެކަމުގެ ހެއްކަކަށް ފުދެއެވެ.

https://vm.tiktok.com/ZSJCsU6Bm

ހަސޭގެ ޓިކްޓޮކްގެ ދަތުރު ފެށުނީ މީގެ ތިން އަހަރު ކުރިންނެވެ. ވަޒީފާ އަދާ ކުރުމަށްޓަކައި އޭނާ ރަށަށް ބަދަލުވިއެވެ. އޭގެ ސަބަބުން އިންޑަސްޓްރީގައި ކުރިން ކުރި ގޮތަށް މަސައްކަތް ނުކުރެވުނު ކަމުގައި ވީނަމަވެސް، ދުވަހަކުވެސް ނެށުމަށާއި އިންޑަސްޓްރީ އަށް އޮތް ލޯބި ނުގެއްލޭނެކަމުގެ ޔަގީން ކަމާއެކުގައެވެ. ”ބޮންތި“ އާއި ވާހަކަ ދައްކަމުން ހަސޭ ބުނީ، ރަށަށް ބަދަލުވި ފަހުން ޓިކްޓޮކު ކުޅެން ފެށީ އޭނާ ފަދަ މުނިފޫހިފިލުވުމުގެ ދާއިރާއަށް ޝައުގު ހުންނަ މީހުންނަށް ”ސަޅި“ އެޕްލިކޭޝަން އަކަށް ވާނެތީ ކަމަށެވެ. އެންމެ ފުރަތަމަ ލިޕްސިންގެ ޓިކްޓޮކްތަކާއި ނެށުމުގެ ޓިކްޓޮކްތައް ކުޅުނު ހުނަރުވެރި މި ޒުވާނާ ވަނީ ”ކޮންސެޕްޝަނަލް “ ރީތި ޓިކްޓޮކް ތަކެއް ކުޅެ އާންމުގެ ތެރޭގައި ތަފާތު ދައްކާފައެވެ. ހަސޭ ބުނި ގޮތުގައި އެންމެ ފުރަތަމަ އޭނާވެސް އެޕްލިކޭޝަން ދަސްކުރީ ކަމަށާއި، ކޮންސެޕްޝަނަލް ޓިކްޓޮކް ކުޅުމުގެ ހިޔާލަކީ މަޝްހޫރު ޓިކްޓޮކް ތަރި ޝާއިފް ދިން ހިޔާލެއް ކަމަށެވެ. އާންމުނަށް އެފަދަ ޓިކްޓޮކްތައް ކަމުދިޔަ ކަމަށާއި، އަބަދުވެސް ބަލާނީ އޭނާއަށް ވީވަރަކުން ތަފާތު އަދި އާންމުން ބަލައިގަންނާނެ ޓިކްޓޮކްތަކެއް ބެލުންތެރިންނާއި ހިސާބަށް ގެނެސްދެވޭތޯ ކަމަށް ވެސް ހަސޭ ވަނީ ބުނެފައެވެ.

https://vm.tiktok.com/ZSJCsDaw6/

ޓިކްޓޮކް ބޭނުން ކުރާ ގިނަ ފަރާތްތަކަކީ ހަމަ އެކަނި އެކަމަށް ހުސްވެގެން އުޅޭ ބަޔަކަށްވާއިރު، ހަސޭ އަކީ އަބަދުވެސް ވަޒީފާ އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި ދެކިގެން ކުރިއަށްދާ ހީވާގި ޒުވާނެކެވެ.

”ޓިކްޓޮކް އަކީ ވަޒީފާ އަދާކޮށްފައި އަދި ކުރަން ހުންނަ މުހިންމު ކަންތައްތަކަށް ފަހު ވަގުތު އޮވެއްޖެ ނަމަ ކުރާ ކަމެއް. ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި ހަރުދަނާ ވަޒީފާއަކީ މުހިންމު އެއްޗެއް. އެންމެ މުހިންމު ވާނީ ވަޒީފާ އާއި އާއިލާ.“ ހަސޭ ބުންޏެވެ.

މިހާރުވެސް އެކި ފަރާތްތަކުގެ އޮފަރތައް ލިބޭ ކަމަށާއި ނަމަވެސް ކިތަންމެ ކުރާ ހިތްވި ނަމަވެސް ވަޒީފާ ދޫކޮށްލާފައި ދިޔުން ”ވޯރތު“ ނޫން ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

ހަސަން ނިޒާރު ( ހަސޭ )

”ބޮންތި“ އިން ވަނީ ޓިކްޓޮކާއި މެދު އާންމުގެ ހުރި އެކި ކަންބޮޑުވުންތަކާއި ޝަކުވާތަކާއިމެދު ހަސޭ އާއި ސުވާލު ކޮށްފައެވެ. އެގޮތުން ރާއްޖޭގައި ޓިކްޓޮކް ”ބޭން“ ކޮށްލަން ޖެހޭ ކަމަށް ގަބޫލު ކުރަންތޯ ސުވާލު ކުރުމުން ހަސޭ ބުނީ، ޓިކްޓޮކް ބޭނުންކުރާ ބައެއް މީހުންގެ އަމަލުތައް ބަލައި ނުގަނެވޭ ކަމަށެވެ. އެގޮތުން އަންހެނުން ފިރިހެނުންނަށްވެ އަދި ފިރިހެނުން އަންހެނުންނަށް ވެގެން އުޅޭ ފަދަ މަންޒަރު ފެންނަ ކަމަށެވެ. ބައެއް ފަރާތްތައް މާބޮޑަށް ވެސް ”އޯވާރ“ ވާ ކަމަށް ގަބޫލުކުރާ ކަމަށާއި. ނަމަވެސް އެމީހުންގެ ސަބަބުން ޓިކްޓޮކް ބޭން ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ހަސޭ ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި އެގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން މާ ރަނގަޅު ވާނެ ކަމަށް ވެސް އެނާ ބުންޏެވެ. ސަބަބަކީ ވަކި ބަޔަކާއި ހުރެ ރަނގަޅު ނިޔަތުގައި އެމީހެއްގެ ހުރި ހުނަރެއް ދައްކާލުމުގެ ނިޔަތުގައި، ޓިކްޓޮކް ބޭނުން ކުރާ ފަރާތްތަކަށް ވެވޭ ބޭއިންސާފަކަށް ޓިކްޓޮކް ބޭން ކުރުން ވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ހަސޭ ވަނީ ފާހަގަކޮށްފައެވެ.

ހަސަން ނިޒާރު ( ހަސޭ )

ޓިކްޓޮކްގެ އެންމެ ރަނގަޅު ތަރިންނަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ބުނީ، ޝަޒީލާ އަދި ޝާއިފް އަކީ ވަރަށް މޮޅު އަދި ރާއްޖޭގައި އެންމެ ރީތީ ޓިކްޓޮކް ހަދާ ދެމީހުން ކަމަށެވެ. ޝަޒީލާ އާއި އެކު މަސައްކަތް ކޮށްލުމަށް އުންމީދު ކުރާ ކަމަށް ވެސް ހަސޭ ވަނީ ބުނެފައެވެ. ހަސޭ އަދި ޓިކްޓޮކްގެ މަޝްހޫރު ތަރި ޝާނާ އާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާއި މެދު ސުވާލު ކުރުމުން ހަސޭ ބުނީ، އެންމެ ފުރަތަމަ ވެސް ޝާނާ ފާހަގަކުރާނީ އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ކަމަށެވެ. އަދި އެކި މީސް މީހުން ތަފާތު ވާހަކަ ދައްކާ ކަމަށާއި ނަމަވެސް ”ޓްރަސްޓް“ އާއި ”އަންޑަސްޓޭންޑިން“ އޮވެއްޖެނަމަ، މީހުން ދައްކާ ވާހަކައަކުން އަސަރެއް ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ހަސޭ ބުނިގޮތުގައި އޭނާ ކުޅޭ ކޮންސެޕްޝަނަލް ޓިކްޓޮކް ތަކަކީ ވަކި އޭނާގެ ދިރިއުޅުމާއި ގުޅުވައި، ނުވަތަ ޝާނާ އާއި ގުޅުވައި ހަދާ އެއްޗެއް ނޫނެވެ. އޭނާ އާއި ޝާނާގެ މެދުގައި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ހަސޭ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޝާނާގެ ފަރާތުން ހުރިހާ ކަމަކަށް ވެސް ވަރަށް ”ސަޕޯޓު“ ލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަސޭ އޭނާގެ ލޯބިވެރިޔާ ޝާނާ އާއި އެކު

https://vm.tiktok.com/ZSJCsAEkJ/

ޓިކްޓޮކް ބޭނުން ކުރަން ފެށިފަހުން އާންމުން ދައްކާ ވާހަކަތަކާއި ގުޅޭ ގޮތުން ހަސޭ ބުނީ ”ނެގެޓިވް ކޮމެންޓެއް“ ވަރަށް ނުލިބޭ ކަމަށެވެ.

”އަބަދުވެސް ކުރިއަށް ދިއުމަށް ހިތްވަރު ލިބޭ ކަހަލަ ކޮމެންޓްސް އާންމުންގެ ފަރާތުން ލިބޭ. އަކަމާއި ނުހަނު އުފާ ކުރަން. ރުޅި އަންނަ މީހުން ކޮންމެ ތަނެއްގައި ވެސް އުޅޭނެ. މީހަކު ނުރަނގަޅު އެއްޗެއް ބުންޏަސް އަޅައެއް ނުލަން.“ ހަސޭ ބުންޏެވެ.

އޭނާ ކުރާ ކަމެއް ކުރަނީ އޭނާގެ މަސައްކަތް ބަލައިގަންނަ މީހުންނަށްޓަކައި ކަމަށް ހަސޭ ބުންޏެވެ. ހަސޭ ބުނީ އޭނާ ފަހަތަށް ޖައްސާލަން އުޅޭ މީހުން އެކަން ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، އޭނާ އަކީ އަބަދުވެސް ތަފާތު ހުނަރެއް ބެލުންތެރިންނާއި ހިސާބަށް ގެނެސްދެން މަސައްކަތް ކުރާ މީހެއް ކަމަށެވެ.

https://vm.tiktok.com/ZSJCsDawr/

ހަސޭ އަކީ ޓިކްޓޮކާއި ނެށުމުގެ އިތުރުން އެކްޓުވެސް ކުރާ ފަންނާނެކެވެ. އެގޮތުން އޭނާ އަންނަނީ ”ބުނެލެދީ“ ނަމަކަށް ކިޔާ ޑްރާމާއެއްގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު އެ މަސައްކަތް މަޑުޖެހިލާފައި އޮތީ ކޯވިޑާއި ހެދި ކަމަށް އޭނާ ބުންޏެވެ. އަދި ހަމަ އެގޮތަށް ކޯވިޑުގެ ސަބަބުން ކުރިން ދިޔަގޮތަށް ބޮޑު އީދާއި ކުޑަ އީދާއި އަދި އެކި މުނާސަބާ ތަކުގައި ޝޯތައް ދިނުން ހުއްޓިފައިވާ ކަން ހަސޭ ފާހަގަކުރިއެވެ. މީގެ ކުރިން އެކި ހިސާބުތަކުން ބޮޑު އަގުގައި ޝޯދޭދިނުމަށް ދައުވަތު ދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

https://vm.tiktok.com/ZSJCsfc3q/

ޓިކްޓޮކް މައިގަނޑު އެއްޗެއްގެ ގޮތުގައި ބޭނުންކުރާ ހަސޭ ވަނީ އޭނާގެ ޓިކްޓޮކްގެ ދަތުރުގައި އެހީވީ އެންމެހާ ފަރާތަތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. އެގޮތުން އަބަދުވެސް ދެގޮތެއް ނުވެ އެކުގައިވާ ހަސޭގެ ލޯބިވާ މަންމަގެ ނަމާއި އޭނާގެ އާއިލާ، ޝުކުރުގެ ލިސްޓުގެ އެއްވަނައިގައި ފާހަގަކުރިއެވެ. އަދި މި ދާއިރާ އަށް ނިކުތުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެހީވެދިން އަމިއްލަ ބޭބެއެއް ކަހަލަ ރިޔާޒް އަށް ވެސް އޭނާ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރިއެވެ. ހަމަ އެއާއި އެކު، މިހާރު ހަސޭގެ ޓިކްޓޮކް ތަކުން އެންމެ ގިނައިން ފެންނަ، އާންމުގެ މަގުބޫލުކަން ހޯދައިފައިވާ އަދި އޭނާގެ އެންމެ ގާތް މީހުންގެ ގޮތުގައި ދެކޭ މަލްދާ، ސާރިމް، ރަޝްފާ އަދި އަސްލޭގޭ ނަން ހާއްސަ ޝުކުރަކާއި އެކު އެނާ ފާހަގަކުރިއެވެ. ހަމަ އެގޮތަށް ޝާނާ އަކީ އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ ފަރާތްކަމުގައި އުފަލާއި އެކު ފާހަގަކުރާ ކަމަށް ހަސޭވަނީ ބުނެފައެވެ. މީގެ އިތުރުންވެސް އޭނާ އަށް މި ހިސާބަށް އައުމަށް ހުރިހާ ގޮތަކުން އެހީތެރިވި އެންމެނަށް ވެސް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

https://vm.tiktok.com/ZSJCsm4d2/

https://vm.tiktok.com/ZSJCs9VWn/

އެންމެ 18 އަހަރުގައި ނުވެސް ދަންނަ ބައެއްގެ ތެރެއަށް ނިކުމެ ކުރަން ފެށި މަސައްކަތުގެ އެހީގައި މިއަދު ހަސޭ އަކީ އެންމެ ކަމަކަށްވުރެ ބޮޑަށް ގިނަ އެތަށް ހުނަރުތަކަކުން މީހުންނަށް އެނގޭ ފަރާތެކެވެ. މިހާރު އެންމެ ބޮޑަށް ޓިކްޓޮކުން ފެންނަ ހަސޭގެ ޓިކްޓޮކް އެކައުންޓަށް 177.3 ހާސް މީހުން ފޮލޯ ކުރެއެވެ. އަދި އޭނާގެ ޓިކްޓޮކްތަކަށް ލިބުނު ލައިކްސް ވަނީ 2.3 މިލިއަނަށް އަރާފައެވެ. މުނިފޫހިފުލުވުމުގެ ދާއިރާގެ އިތުރުން ދިރިއުޅުމަށް ވެސް އެތަކެއް ހުވަފެންތަކެއް ދެކޭ، އުންމީދީ މި ޒުވާނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޓިކްޓޮކް އެކައުންޓު ”ވެރިފައި“ ކުރެވޭނެ ދުވަސް ކަމަށް އޭނާ ފާހަގަކުރިއެވެ. ”ބޮންތި“ އިން އަބަދުވެސް ހަސޭ އަށް އެދެނީ އިތުރު ކާމިޔާބީ އަށެވެ.

https://vm.tiktok.com/ZSJCs9VWn/

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button