
ގައުމާއި ދީނުގެ ދިފާއުގައި ނުކުތް މީހުން ދޫކޮށް، އެއްޖިންސުން ގުޅުން ހިންގާ ލާދީނީ މީހުން ހައްޔަރު ކުރުމަށް ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް ގޮވައިލައްވައިފިއެވެ.
ރޭ ޕީޕީއެމް އޮފީސް ސަރަހައްދުގައި ކުރިއަށްދިޔަ އެއްވުމެއްގައި ނަބީލް ވިދާޅުވީ ޝިރުކާ ދެކޮޅަށް އަޑުއުފުލަން ނުކުތީމައި، ފުހުންނަށާއި ސިފައިންނަށް އަދި ގައުމުގެ މިނިވަން މުއައްސަސާތަކަށް ހަޖަމު ނުވާ ކަމަށެވެ. އަދި ނަބީލް ސިފަކުރެއްވި ގޮތުގައި މި އިދާރާތަކުގައި މިވަގުތު ތިބީ ހުސް މުނާފިގުންނެވެ.
ނަބީލް އިތުރަށް ވިދާޅުވި ގޮތުގައި ޝިރުކާ ދެކޮޅަށް އަޑުއުފުލުމަށް ދިވެހި ދަރީން ނުކުތުމުން އެއަޑުއަހާނެ ހިއްވަރެއް މިސަރުކާރުގެ ކިބަޔަކު ނެތެވެ. އަދި މިސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ލާދީނީ ސަރުކާރަކުން ފެންނާނެ ހުރިހާކަމެއް ވަނީ ފެނިގެން ގޮސްފައިކަމަށް ނަބީލް ވިދާޅުވިއެވެ.
މީގެ އިތުރުން ނަބީލް ވަނީ ފާއިތުވެދިޔަ ހަފްތާ ގަލޮޅު ދަނޑުގައި ހިނގާދިޔަ ހާދިސާގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން ދޫކޮށް، އެއްޖިންސުން ގުޅުން ހިންގާ ލާދީނީ މީހުން ހައްޔަރު ކުރުމަށް ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފްތާ ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވަނީ މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކުރަމުން އަންނައިރު، ކީރިތި ރަސޫލް (ސ.އ.ވ) އަށް ފުރައްސާރަކުރި މީހާ ވަނީ ފިލައިގެން ގޮސްފައެވެ. އަދި އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ގިނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އޭގެން އެއްވެސް މީހަކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ސުވާލުކުރުމަށްވެސް ގެންގޮސްފައެއް ނުވެއެވެ.